އެކި މައްސަލަތަކުގައި މީގެ ކުރިން 100 އަށްވުރެ ގިނަ ފަހަރަށް ހައްޔަރުކުރި މީހަކު، ލެޕްޓޮޕެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފިއެވެ.
މި މައްސަލަތަކުގައި ހައްޔަރު ކޮށްފައިވަނީ ތ. ތިމަރަފުށީ ލަކީހައުސް / ސޮފްވާން އަލީ އެވެ.
އޭނާ މި ފަހަރު ހައްޔަރުކުރީ ލެޕްޓޮޕެއް ވަގަށް ނެގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައެވެ.
މި މައްސަލައިގައި ސޮފްވާން ހައްޔަރުކޮށް ބަންދު މުއްދަތަށް ހާޒިރު ކުރުމުން 10 ދުވަހަށް އޭނާ ބަންދުކޮށްފައި ބެހެއްޓުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
އޭނާގެ މައްޗަށް މި ފަހަރު ތުހުމަތު ކުރަނީ، ވައްކަން ކުރުމާއި އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ތުހުމަތެވެ.
ރެކޯޑްތަކުން ދައްކާ ގޮތުގައި ސޮފްވާނަކީ އެކިއެކި މައްސަލަތަކުގައި 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކޮށް މުއްދަތު ޖަހާފައިވާ މީހެކެވެ. މީގެ ކުރިން އޭނާ ހައްޔަރުކޮށްފައިވާ ކަންކަމުގެ ތެރޭގައި، ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައަކާއި، ޓްރިމަރަކާއި ފަސް ފޮށި ގަލަން ވަގަށް ނެގި މައްސަލައެއް ހިމެނެއެވެ.



