ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބު ބޭއްވުމަށް މިހާރު ތާވަލުކޮށްފައިވަނީ އަންނަ މާރޗު މަހުގެ 28 ވަނަ ދުވަހަށްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.
މިފަހަރު ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ކެންޑިޑެސީ ހުށަހަޅަންޖެހޭނީ އިލެކްޝަންސް ކޮމިޝަންގެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.
ދައުލަތުގެ މީޑިއާއިން ދައްކާ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ޒާހިދު ވިދާޅުވީ، ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބަކީ އިދާރީގޮތުން އެންމެ ބުރަ އަދި އެންމެ ގިނަ ތައްޔާރީތަކެއްވާންޖެހޭ އިންތިހާބުކަމަށްވުމުން، ދުރާލާ އެ އިންތިހާބަށް ތައްޔާރުވުމުގެ ކަންކަން ތާވަލުކުރެވިފައިވާގޮތަށް ކުރިއަށްދާ ކަމަށެވެ.
މީގެއިތުރުން ޒާހިދު ވިދާޅުވީ، އިންތިހާބު ބާއްވާނެ ތާރީހެއްގެ ގޮތުގައި ކޮމިޝަނުން ތާވަލުކޮށްފައިވަނީ 28 މާރިޗު 2026 ކަމަށާއި، ކެންޑިޑެސީއަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީމަހުގެ 17 ވަނަ ދުވަހުކަމަށެވެ.
މިފަހަރުގެ އިންތިހާބުގެ އިދާރީ ކަންކަމަށް 270 ވަރަކަށް މުވައްޒަފުން ބޭނުންވާކަމަށާއި، އިންތިހާބުގެ ޓާސްކްފޯހަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ ކަންކަން މިހާރުވެސް ކުރިއަށްދާކަމަށް ޒާހިދު ވިދާޅުވިއެވެ.
”ޓްރެއިނަރުންގެ ގޮތުގައިވެސް 110 ވަރަކަށް މީހުން އެބަ ބޭނުންވޭ. އެމީހުންނަށްވެސް އެބަޖެހޭ އިންޓަރނަލް ތަމްރީންތަކެއް ދޭން. އެހެންވީމަ މިގޮތަށް ހުޅުވާލީމަ މިހާރު އެބަތިބި 115 ވަރަކަށް މީހުން ހުށަހަޅާފައި. މިހާރު މިގެންދަނީ އެމީހުން ޓްރެއިނަރުން ގޮތުގައި ރެކްރޫޓްކުރުމުގެ މަރުހަލާ. އެއިން ކޮންމެ މީހަކާ އިންޓަރވިއުކޮށް، އެ އިންޓަރވިއު ޕްރޮސެސްގެ ތެރެއިން އޭނާ ފާސްވޭތޯ ބަލައި މިހުރިހާކަމެއް އެބަދޭ. އެއާއެއްކޮށް ކޮންމެ ރަށަކުން ނަގަންޖެހޭ ފޯކަލް ޕޮއިންޓުން ނެގުންވެސް އެބަދޭ ކުރިއަށް. ކޮންމެ ރަށެއްގައި ރަށު ފެންވަރުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށް ނަގާ ބައެއް އެއީ.“ އިލެކްޝަންސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.



