މިދިޔަ ބުރާސްފަތި ދުވަހު އަޑިއަށް ދިޔަ، ނަސްރު ބޯޓުން މާލީ ގޮތުން ގެއްލުން ލިބުނު ނ. ފޮއްދޫގެ މީހުންނަށް އެހީވުމަށް، ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އެ ރަށަށް 30 ބަސްތާ ކާޑުގެ ބާވަތް ހަދިޔާ ކުރައްވައިފިއެވެ.
އުތުރުގެ ގިނަ ރަށްތަކަށް މުދާ އުފުލާ ނަސްރު ބޯޓަކީ، ފޮއްދޫ މީހުން ވެސް މުދާ ގެންނަ ބޯޓެވެ. ނަމަވެސް ކޮޅިގަނޑެއްގައި ޖެހި ބުރާސްފަތި ދުވަހު ބޯޓު އަޑިއަށް ދިޔައީ، އެ ރަށުގެ ގިނަ ފިހާރަތަކާއި އާއްމު މީހުންގެ ވެސް މުދަލާ އެކުގައެވެ.
”މި ރަށު މީހުން އެރުވި މުދަލުގެ އަގު ގާތްގަނޑަކަށް 80،000-100،000ރުފިޔާއަށް އަރާނެ. ކާޑުގެ ބާވަތްތައް ވެސް އޭގައި ހުންނާނެ،“ ފޮއްދޫ ކައުންސިލްގެ ރައީސް މުހައްމަދު މޫސާ ވިދާޅުވެފައިވެއެވެ.
އެހެންކަމުން ފޮއްދޫގެ ރައްޔިތުންނަށް އެހީވުމަށް މެންބަރު އައްބާސް ވަނީ 30 ބަސްތާ ކާޑު ހަދިޔާ ކުރައްވާފައި ކަމަށާއި އެއީ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން ކޮންމެ ބާވަތަކުން 10 ބަސްތާ ކަމުގައިވެސް މޫސަ ވިދާޅުވިއެވެ.
އެ ކާޑުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ ފޮއްދޫ ރައްޔިތުންނަށް ހަމަހަމައަށެވެ.
ހދ. ނޭކުރަންދޫ މީހަކު ދުއްވާ ނަސްރު ބޯޓު އަޑިއަށް ދިޔައީ، މާލެއިން ފުރައިގެން ޅ. ނައިފަރަށް ދަތުރުކުރަނިކޮށެވެ. އެކި ރަށްރަށުގައި ޖައްސާ މުދާ ބާލުވާ އެ ބޯޓު، ކުމުންދު އާއި ނޭކުރެންދޫގެ އިތުރުން އެ އަތޮޅު ވައިކަރަދު އާއި ކުރިނބީއަށް ވެސް ދިޔުމަށް އޮތީ ހަމަޖެހިފައެވެ.
ބޯޓު އަޑިއަށް ދިޔައިރު، އެއިން ދަތުރު ކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންނަށް އަނިޔާވިއެވެ.




