ހާލުގަޖެހޭ ކޮންމެ ފަހަރަކު ރާއްޖޭގެ ދަނޑުވެރިންގެ މުހިންމުކަން އެނގިގެންދާ ކަމަށް ސިޓީސް އެންޑް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ޤައުމީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް އަދި ދުނިޔޭގެ ޖަނަވާރުންގެ ދުވަސް ފާހަގަކުރުމަށް، މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން އިއްޔެ ހުޅުމާލޭގައި ބޭއްވި ”ފެހި ދިރުން އެކްސްޕޯ“ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުންނެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އާދަމް ޝަރީފު ވިދާޅުވީ، ކާޑުގެ ބާވަތްތައް ލިބުން ހުއްޓިއްޖެނަމަ ދެން ވާނީ ކިހިނެއްތޯ ވިސްނާލުން މުހިންމު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، އެފަދަ ކަމެއް ދިމާވެއްޖެނަމަ ޝައްކެއްވެސް ނެތް ގޮތުގައި އެކަމުގެ ސަބަބުން ހުރިހާ ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އިތުރުވެ، މުޅި ޤައުމުގެ ސަލާމަތާ ރައްކާތެރިކަމަށް ނުތަނަވަސްކަން ގެނުވާ ކަމަކަށް އެކަން ވެގެންދާނެ ކަމަށެވެ.
”ކާނާގެ ބާވަތްތައް ނުވަތަ ކާޑު ނުލިބިއްޖެނަމަ، އެ ޤައުމެއްގެ ސަލާމަތަށް ނުރައްކާ ވެދާނެފަދަ މުހިންމުކަމެއް. ޤައުމަށް ބެލިކަމުގައި ވިޔަސް، ހާލުގައި ޖެހޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް އެންމެ ބޮޑު އިތުބާރެއް ހޯދައިދޭ އެއް ފަރާތަކީ ދިވެހި ދަނޑުވެރިން“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ، ދަނޑުވެރިން ކުރާ ބުރަ މަސައްކަތްތަކަކީ ވަރަށް ބޮޑަށް ފާހަގަކުރަން ޖެހޭނެ ކަމެއްކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.



