ސްކޭމްކޮށްގެން ފައިސާ ހޯދުމަށް ގެންގުޅޭ ނަމްބަރުތަކާއި ބޭނުންކުރާ އެކައުންޓްތަކުގެ ނަމްބަރުތައް އެނގޭނެ ގޮތަށް މޮބައިލް އެޕްލިކޭޝަނެއް ހަދަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ދައުލަތުގެ މީޑިޔާއިން މިދިޔަ ހުކުރު ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން އިންސްޕެކްޓާ އޮފް ޕޮލިސް އަޒީފް އައްބާސް ވިދާޅުވީ އަލަށް ހަދާ އެޕްލިކޭޝަންގައި ސްކޭމަރުންގެ ނަމްބަރުތަކާއި އެކައުންޓު ނަމްބަރު އަދި ފިޝިން ލިންކާއި ޕްރޮމްޓް މެސެޖުގެ މައުލޫމާތު ފެންނާނެ ކަމަށެވެ.
އެގޮތުން މީހަކަށް ސްކޭމް ކޯލެއް އަތުވެއްޖެނަމަ، އެޕަށް މައުލޫމާތު އެޅޭނެ ކަމަށާއި އެ މައުލޫމާތު ކަށަވަރު ކުރުމަށްފަހު އާއްމުންނަށް ފެންނާނެ ގޮތަށް އެޕުގައި އާންމު ކުރާނެ ކަމަށް ވެސް އަޒީފް ވިދާޅުވިއެވެ. އަދި ކޮންމެ އަށް ގަޑިއިރަކުން އެޕަށް އެ މައުލޫމާތު އަޕްޑޭޓް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
”އޭގެ ސަބަބުން މިޓިގޭޓްކުރުމަށް ވަރަށް ބައިވަރު މަސައްކަތްތައް ކުރެވޭ. ސްކޭމް ކޯލެއްކަން ޝައްކުވާ ނަމަ އެޕްގައި ޖަހައިގެން ސާޗްކުރެވޭނެ. ލިންކު ވެސް ބެލޭނެ،“ އަޒީފް ވިދާޅުވިއެވެ.
ސްކޭމް ހިންގާ މީހުން އެކި އުކުޅުތައް ބޭނުންކޮށްގެން، އެތައް މިލިއަން ރުފިޔާއެއް އޮޅުވާލައިގެން ހޯދައެވެ.
މީގެއިތުރުން އަޒީފް ވިދާޅުވީ ސްކޭމް ކޯލެއްގެ މައުލޫމާތު ނުވަތަ ސްކޭމް ނަމްބަރެއްގެ މައުލޫމާތު ޕަބްލިޝްކުރާ ހިސާބުން، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ. އަދި އެ ފިޔަވަޅު އެޅުން ލަސްވުމުން ސްކޭމްގައި ޖެހޭ މީހުން އިތުރުވާ ކަމަށް އޭނާ ވިދާޅުވިއެވެ.



