މީގެ ދެ ދުވަސް ކުރިން ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ދިޕިކާ ޕަޑުކޯން އާއި ރަންވީރް ސިންގް ވަނީ އެމީހުންގެ ފޭނުންނަށް ވަރަށް ވެސް އުފާވެރި ހަދިޔާއެއް އިންޓަނެޓް މެދުވެރިކޮށް ދީފައެވެ.
އެ ހަދިޔާއަކީ، ދިޕިކާއާއި ރަންވީރްގެ ދަރިފުޅު ދުއާ ޕަޑުކޯން ސިންގްގެ ފޮޓޯ މުޅި ދުނިޔެއަށް ފުރަތަމަ ފަހަރަށް ދައްކާލުމެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހު އުފަންވި ދުއާ އަށް ނަން ކިޔާފައިވަނީ އެ އަހަރުގެ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުގައެވެ. ނަމަވެސް އެދުވަހު ސޯޝަލް މީޑިއާގައި އާންމުކޮށްފައިވަނީ ހަމައެކަނި ދަރިފުޅުގެ ފައިތިލައިގެ ފޮޓޯ އެކަންޏެވެ.
އެދުވަހަށް ފަހުން މަޝްހޫރު މި ދެ ތަރިންގެ ފޭނުންވެސް އެންމެ އިންތިޒާރު ކުރަމުން އައި އެއް ދުވަހަކީ، ދިޕިކާ އާއި ރަންވީރްގެ ތުއްތު ދަރިފުޅުގެ މޫނު އާންމުންނަށް ފެންނާނެ ދުވަހަކަށެވެ.
މިދިޔަ އަންގާރަ ދުވަހު އެ ދެ ތަރިން މިވަނީ ފޭނުންގެ އެ އެދުން ފުރިހަމަ ކޮށްދީފައެވެ. ކުޑަކުޑަ ދުއާގެ ރީތި ފޮޓޯތަކެއް ދިޕިކާ އާއި ރަންވީރް ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލާފައެވެ.
އެއާއެކު މިހާރު ގިނަ ބަޔަކު އެންމެ ކުރަމުންގެންދާ އެއް ކަމަކީ، ދުއާ ވައްތަރީ ކާކާތޯ ބެލުމެވެ. އެ ފޮޓޯތަކުގެ ކޮމެންޓުގައި ވެސް ގިނަ ބަޔަކު ބަހުސް ކޮށްފައިވަނީ ދުއާ ވައްތަރީ ދިޕިކާއާ ނުވަތަ ރަންވީރާ ކަމަށެވެ. އެއްބަޔަކު ބުނެފައިވާ ގޮތުގައި ދުއާ އަށް ވަނީ ދިޕިކާގެ ޑިމްޕަލް ލިބިފައެވެ. އަނެއްބަޔަކު ބުނާ ގޮތުގައި އެ ކުއްޖާއަށް ލިބިފައިވަނީ އޭނާގެ ބައްޕަގެ ހިނިތުންވުމެވެ. ކޮންމެހެނަކަސް، މި ބަހުސްގައި މިދުވަސްކޮޅު އިންޓަނެޓް ވަރަށް ބިޒީއެވެ.



