ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ) އޮފީހުން ލަފާ ހޯދައިގެން ނޫނީ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލަން އެ އިދާރާއިން ފުލުހުންނަށް މިއަދު އަންގައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ، ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް، އެ ނިންމުން ނިންމާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭ ނައްތާލެވޭނެ ހާލަތްތައް ބަޔާންކޮށްފައި އެބައޮތް ކަމަށެވެ.
ނަމަވެސް އެ އޮފީހުން ޖިނާއީ ދައުވާ ނުކުރެވޭނެކަމަށް ނިންމާ މައްސަލަތަކުގެ ލިޔެކިއުންތަކުގެ އަސްލު، ޖިނާއީ އެހެން ދަޢުވާތަކާ ގުޅިގެން ބޭނުންކުރަންޖެހޭ ހާލަތްތަކެއް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، އެކަންކަމަށް ރިއާޔަތްކޮށް، ދަޢުވާ ނުކުރެވޭނެކަމަށް އެ އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިއުންތައް ރައްކާތެރިކުރުމާއި ނައްތާލުމާ ގުޅޭ އިރުޝާދެއް ތަހުގީގީ އިދާރާތަކަށް ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ޕީޖީން ބުނެފައިވެއެވެ.
އެހެންކަމުން މި އިރުޝާދު އެކުލަވާލައި ފުލުހުންނާ ހިއްސާކުރެވެންދެން، ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުގެ ލަފާ ލިއުމުން ނުހޯދާ އެއްވެސް ޖިނާއީ މައްސަލައެއްގެ ލިޔެކިއުންތަކުގެ އަސްލު ނައްތާނުލުމަށް ފުލުހުންނަށް އަންގާފައިވާނެ ކަމަށް، އެ އޮފީހުން މައުލޫމާތު ދެއެވެ.
ފުލުހުންގެ ރެކޯޑު ބެލެހެއްޓުމާއި ދޫކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައިވާ ގޮތުން، ޖިނާއީ ބޮޑެތި ކުށް ހިމެނޭ މައްސަލަތަކުގައި އަށް އަހަރު ދުވަހަށް، އަދި އެނޫން މައްސަލަތަކުގެ ލިޔެކިއުންތައް މަދުވެގެން ތިން އަހަރު ބަހައްޓަންޖެހޭނެއެވެ.




