އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބެލުމުގެ ދަށުގައި އޮންނަ ޓީ-ޖެޓީ ސަރަހައްދަށް ވަދެވޭނީ ބަރު އުޅަނދުތަކަށް ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޕީއެލްއިން ބުނީ އެ ތާރީޚުން ފެށިގެން ޓީ-ޖެޓީ ސަރަހައްދަށް ވަދެ ނިކުންނަ އުޅަނދުތައް މި މިންގަނޑަށް ފެތޭތޯ ކަށަވަރު ކުރަމުން ގެންދާނެ ކަމަށެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުންނާއި، އުޅަނދުފަހަރަށް ހުއްދަކޮށްފައިވާ މިންވަރަށްވުރެ އިތުރަށް މުދާ ބަރުކުރުން ހުއްޓުވުމަށް ކަމާބެހޭ އިދާރާތަކުން ނިންމާފައިވާ ނިންމުމާ ގުޅިގެން ކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.
އެމްޕީއެލްއިން ބުނީ، މި ސަރަހައްދަށް ވަދެ ނިކުންނަ އުޅަނދުތައް ބަލައި ފާސްކުރުމުގައި ޚާއްޞަ ޝަރުތުތަކެއް ފުރިހަމަވެފައިވޭތޯ ބަލާނެ ކަމަށެވެ. އެގޮތުން ބަރުމަރުކާ އުޅަނދެއްގެ ގޮތުގައި ބަލާނީ، އުޅަނދުގެ އަރިމަތީގައި އެއީ ބަރުމަރުކާ އުޅަނދެއްކަން އެނގޭނެހެން ރަސްމީ ނިޝާން ޖަހައި، އެ ނިޝާން ސާފުކޮށް ފެންނަން ހުރުމާއެކު، މުއްދަތު ހަމަނުވާ ބަރުމަރުކާ ސެޓްފިކެޓެއް އޮތުމުންނެވެ. މީގެ އިތުރުން، އުޅަނދުފަހަރު ދުއްވުމަށް ހުއްދަކުރާ އެންމެހައި ރަސްމީ ލިޔެކިޔުންތައް ފުރިހަމައަށް ހުރިތޯވެސް ބަލަމުން ގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ޚިދުމަތް ހޯދުމުގައި އެއްވެސް ދަތިކަމެއް ކުރިމަތިނުވެ އޮމާންކަމާއެކު ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، ހުރިހާ އުޅަނދުފަހަރުގެ ވެރިންނާއި ކެޕްޓަނުންވެސް މުއްދަތު ހަމަވުމުގެ ކުރިން ސެޓްފިކެޓްތައް އައުކޮށް، އުޅަނދުގައި ނިޝާން ޖެހުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމްޕީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.



