އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުމީދޫއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖްގެ ކޮންސަލްޓަންސީ މަސައްކަތް ޗައިނާގެ ކުންފުންޏެއް ކަމަށްވާ ޓީވައި ލިން އިންޓަނޭޝަނަލްއާ މިއަދު ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީންނެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި ޓީވައި ލިން އިންޓަނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ޗެން ޒިއާހޫއެވެ.
މި ބްރިޖް މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދެކެވެ. ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ޔަގީންކަން ދެއްވާފައެވެ.
މިނިސްޓަރު ޑރ. މުއްތަލިބް ވިދާޅުވި ގޮތުގައި، ކޮންސަލްޓަންސީގެ މަސައްކަތުގެ ތެރެއިން ސާވޭ އާއި ޑިޒައިން ހެދުމުގެ އިތުރުން ބްރިޖާ ގުޅޭ ޓެކްނިކަލް ގިނަ މަސައްކަތްތަކެއް ކުރެވޭނެއެވެ.
”ފުރިހަމަ ފީސިބިލިޓީ ސްޓަޑީއަކާއެކު ކުރިއަށް ގެންދާނީ. ބަލާނަން އެކި އޮޕްޝަންތައް. ފްލޯޓިން ބްރިޖެއް އަޅާނީތޯ. އާއްމުކޮށް މި އަޅާކަހަލަ ސީ ކްރޮސިން ބްރިޖެއްތޯ ނުވަތަ ޓްރާންސިޓް ޓްރެއިން ސިސްޓަމެއްތޯ،“ މުއްތަލިބް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ގޮތުންނާއި ޓެކްނިކަލް ގޮތުން އެންމެ ފައިދާ ހުރި ގޮތެއް ބެލުމަށް ފަހު، ސަރުކާރުން އެކަށީގެންވާ ގޮތެއް ނިންމައި، އެޔަށް ފަހު ޓެންޑަރިންގެ މަސައްކަތް ފަށާނެ ކަމަށެވެ.
މީގެ ކުރިން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު، މަޝްރޫޢުގެ ސާވޭތަކެއް ކުރުމަށް މިޞްރުގެ އަރަބް ކޮންޓްރެކްޓާސް ގްރޫޕާ ހަވާލުކުރެވުނެވެ. އެކަމަށްޓަކައި 30 މިލިއަން ރުފިޔާ ބަޖެޓްކޮށް، ސާވޭގެ ބައެއް މަސައްކަތްތައް ވެސް ކުރެވިފައިވެ އެވެ. ނަމަވެސް މިނިސްޓަރު މިއަދު ވިދާޅުވީ، އަރަބް ކޮންޓްރެކްޓާސްއަށް އެ މަސައްކަތް ބޭނުންވާ މިންވަރަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.
”އިނީޝިއަލް އެސެސްމަންޓް ހަދާފައި، އެއެމްއޯޔޫ އެހެން ހިސާބަކަށް ގެންދެވޭވަރަށް އެ މީހުންނަށް މަސައްކަތް ކުރިއަކަށް ނުގެންދެވުނު. އެހެންވީމަ މި ނިންމީ ބިޑްކުރުމާ ހަމައަށް ގެންދެވޭ ވަރަށް މުހިންމު މަސައްކަތްތައް ވަކިން ކުރުމަށް،“ މުއްތަލިބް ވިދާޅުވިއެވެ.
އެހެންކަމުން، ސާވޭ، ޑިޒައިން އަދި ފީސިބިލިޓީގެ މަސައްކަތް ކުރުމަށް ފިނޭންސް އުސޫލުތަކާ އެއްގޮތަށް އެންމެ ޤާބިލު ކުންފުނި ކަނޑައަޅައި، މިހާރު ޓީވައި ލިން އިންޓަނޭޝަނަލްއާ ހަވާލުކުރުމަށް ނިންމީއެވެ. ޓީވައި ލިން އަކީ ބްރިޖް އެޅުމުގެ މަސައްކަތުގައި ވަރަށް ތަޖުރިބާ ހުރި ކުންފުންޏެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑޫ ބްރިޖް މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން މަރުޙަލާއަކަށް ބަހާލައިގެންނެވެ. މިނިސްޓަރު ވިދާޅުވީ، އެ މަސައްކަތް ކުރިއަށް ގެންދާނީ އައްޑޫ ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތްތައް ބަލައިގެން ކަމަށެވެ.



