ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން (އެފްޑީސީ) އިމާރާތްކޮށްފައިވާ ގެދޮރުވެރިޔާ ސްކީމްގެ ބައެއް ފްލެޓްތަކަށް ސްޓްލްކޯއިން މިއަދު ކަރަންޓު ފޯރުކޮށްދީފިއެވެ.
ސްޓެލްކޯއިން ބުނީ، ހުޅުމާލޭގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކޮށްފައިވާ އަމާން އުދަރެސް އަދި އަމާން ދޯދި ފްލެޓްތަކަށް ކަރަންޓު ފޯރުކޮށްދިނުމުގެ ރަސްމީ މަސައްކަތްތައް ފެށުމުގެ ގޮތުން އަމާން އުދަރެސް 11، 12 އަދި 13ވަނަ ފްލެޓަށް މިއަދު ވަނީ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވިފައި ކަމަށެވެ.
’ގެދޮރުވެރިޔާ‘ ސްކީމްގެ ދަށުން ތަރައްޤީކޮށްފައިވާ މި ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ އިރު، ބާކީ ހުރި ޓަވަރުތަކުގެ ޔުނިޓްތައްވެސް ވަރަށް އަވަހަށް ހަވާލުކުރަން ފަށާނެ ކަމަށް އެފްޑީސީން މިދިޔަ ހަފްތާގައި ބުނެފައިވެއެވެ.
އެފްޑީސީ އިން ބުނިގޮތުގައި، މިހާތަނަށް ވަނީ 81 ފަރާތަކާ ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައެވެ.
ސެޕްޓެންބަރު 5 ވަނަ ދުވަހު ފެށުނު މި މަޝްރޫޢުގައި ޖުމްލަ 32 ޓަވަރުގެ 4000 ހައުސިން ޔުނިޓް ހިމެނެއެވެ. ކޮންމެ ޓަވަރެއްގައި 125 ހައުސިން ޔުނިޓް ހުންނައިރު، މިހާތަނަށް ތަޅުދަނޑި ހަވާލުކޮށްފައިވަނީ 14 ވަނަ ޓަވަރުގެ 81 ޔުނިޓްގެ ވެރިފަރާތްތަކާއެވެ.
އެފްޑީސީން ބުނާ ގޮތުގައި، ތަޅުދަނޑި ހަވާލުކުރަނީ ޔުނިޓްތަކުގެ ފިނިޝިން އާއި ޔުޓިލިޓީގެ ޚިދުމަތްތަކުގެ ކަނެކްޝަންތައް ފުރިހަމަވެ، ބަލަންޖެހޭ އެންމެހައި ކަންކަން ރަނގަޅުކަން ކަށަވަރު ކުރުމަށް ފަހުގައެވެ. އަދި ތަޅުދަނޑި ހަވާލުކުރުމުގެ ކުރިން، ގޭގެ ވެރިންނާއެކު ޔުނިޓްތަކަށް ޒިޔާރަތްކޮށް އެ ކަންކަން ހަމަޖެހިފައިވާކަން ކަށަވަރުކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަމާން އުދަރެހުގައި ޖުމްލަ 16 ޓަވަރުގެ 2000 ހައުސިން ޔުނިޓް ހިމެނޭއިރު، 14 ވަނަ ޓަވަރުގެ ބާކީ ޔުނިޓްތައްވެސް ޑައުންޕޭމަންޓް ނިމެމުންދާ މިންވަރަކުން ހަވާލުކުރަމުން ގެންދާނެ ކަމަށް އެފްޑީސީން ބުންޏެވެ. އަދި އިތުރު ޓަވަރުތަކުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެ ކުންފުނިން ވަނީ ޔަގީންކޮށްދީފައެވެ.
މި މަޝްރޫޢުގައި ހިމެނެނީ ދެ ކޮޓަރީގެ ޔުނިޓްތަކާއި ތިން ކޮޓަރީގެ ޔުނިޓްތަކެވެ.
ސަރުކާރުން ވަނީ މި ފްލެޓްތަކަށް ގަވާއިދުން ފައިސާ ދައްކާ ފަރާތްތަކަށް ކުލިން ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމައި، ފްލެޓްތަކުގެ ޑައުން ޕޭމަންޓްވެސް ކުޑަކޮށްދީފައެވެ.



