ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފޮރެންސިކް އަދި ތަހުގީގީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ފޮރެންސިކް އާލާތް ހަދިޔާކޮށްފިއެވެ.
މި ތަކެތި ހަވާލުކުރުމަށް އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތުގައި، ދިވެހި ފުލުހުންގެ ޚިދުުމަތުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ހިންގުމުގެ ގާބިލުކަން އިތުރުކުރުމަށް ޔޫއެންއޯޑީސީއިން ދެމުންގެންދާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ޒަމާނީ އާލާތްތަކުން މުޅި ރާއްޖޭގައި ފުލުހުންގެ ފޮރެންސިކް އަދި ތަހުގީގީ މަސައްކަތް ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި، ޔޫއެންއޯޑީސީއިން ފަސް ފްރެޑް ސިސްޓަމާއި، ހަތަރު ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސް ހަވާލުކޮށްފައިވެއެވެ.
ފުލުހުން ބުނިގޮތުގައި، މި އެހީތެރިކަމަކީ، ދިވެހިރާއްޖޭގައި ކަނޑުމަތީގައި ހިންގާ ކުށްތައް ދެނެގަތުމަށްޓަކައި މާލީ އަދި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ހިންގާ “ސްޓްރެންތެނިންގ ފައިނޭންޝިއަލް އިންވެސްޓިގޭޝަން ކެޕޭބިލިޓީސް އެންޑް ލޯ އެންފޯސްމަންޓް ކެޕޭސިޓީ އޮފް މޯލްޑިވްސް ޓު ކައުންޓަރ މެރިޓައިމް ކްރައިމް” މަޝްރޫއުގެ މުހިންމު ބައެކެވެ.
މި އާލާތްތަކުގެ ތެރޭގައި ހިމެނޭ ފްރެޑް ސިސްޓަމްތަކަކީ ޑިޖިޓަލް ހެކި ހޯދުމަށާއި ތަހުލީލުކުރުމަށް ބޭނުންކުރެވޭ އެންމެ ފުރިހަމަ އާލާތްތަކުގެ ތެރެއިން އާލާތްތަކެކެވެ. އަދި ރަމާން ސްޕެކްޓްރޮސްކޮޕިކް ޑިވައިސްތަކަކީ މަސްތުވާތަކެއްޗާއި އެހެނިހެން ނުރައްކާތެރި މާއްދާތައް އަވަހަށް ދެނެގަތުމަށް ބޭނުންކުރެވޭ އާލާތްތަކެކެވެ.
މި އެހީތެރިކަމަކީ ދިވެހިރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ގާބިލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މުހިންމު މަރުހަލާއެއް ކަމަށް ފުލުހުން ބުންޏެވެ.
އަދި މި ހަދިޔާކުރެވުނު އާލާތްތަކާއެކު، ފުލުހުންނަށް ޒަމާނީ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުުރުމަށް އެހީއަކަށް ވާނެ ކަމަށާއި، މި އެހީތެރިކަމުގެ ސަބަބުން ދިވެހި ފުލުހުންނަށް ކުށްތައް ހޯދައި ބަލައި ދިރާސާކުރުމުގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެން ދާނެކަމަށް ފުލުހުން ބުނެފައިވެއެވެ.



