ބޭންކުގެ ފައިސާ އަޅާފައިހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޭރިގެންފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، މި ހާދިސާގެ މައުލޫމާތު ލިބުނީ މިއަދު ފަތިހު 4:45 ހާއިރު ކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން އަދި މާބޮޑު ތަފްސީލެއް ނުދީ ފުލުހުން ބުނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފެއްގެ އަތުން ފައިސާ ހުރި ސޫޓްކޭހެއް، މޫނު ނިވާކޮށްގެން ތިބި ބަޔަކު ފޭރިގެންފައިވާ މައްސަލައެއްް ރިޕޯޓު ކޮށްފައިވާ ކަމަށާއި އެ މައްސަލަ މިހާރު ބަލަމުންގެންދާ ކަމަށެވެ.
ފޭރިގެންފައިވަނީ ކިހާ އަދަދެެއްގެ ފައިސާއެއް ކަމެއް އަދި ކޮން ބޭންކެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އިން ސުވާލު ކުރުމުން ވެސް ފުލުހުން ބުނީ، މިއީ މި މައްސަލައާ ބެހޭގޮތުން މިވަގުތު މައުލޫމާތު ހާމަކުރެވެންހުރި މިންވަރު ކަމަށެވެ.



