ކ. ތުލުސްދޫގައި ސަރުކާރުން ތަރައްޤީކުރާ 30 އެނދުގެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ތުލުސްދޫއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ ބިންގާ އަޅުއްވައިދެއްވީ ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.
ތުލުސްދޫ ހޮސްޕިޓަލުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއާއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި ދައުލަތުގެ ބައެއް ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ޒަމާނީ ގިނަ ޚިދުމަތްތަކާއެކު ތަރައްޤީ ކުރާ މި ހޮސްޕިޓަލުގެ ސަބަބުން، މި ސަރަހައްދުގެ ރައްޔިތުންނަށާއި ތުލުސްދޫ ރައްޔިތުންނަށް ރަށުގައި ތިބެގެން ސިއްޙީ އެހީތެރިކަން ހޯދުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.




