ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށްރަށަށާއި ކ. އަތޮޅު މީހުން ދިރިއުޅޭ ތިން ރަށަކަށް ކުރެއްވި 2 ދުވަހުގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހިންނަވަރު، ނައިފަރު، ކުރެންދޫ އަދި އޮޅުވެލިފުއްޓަށް ވަޑައިގެންނެވުމަށްފަހު، ދެން ދަތުރުފުޅުކުރެއްވީ، ރަސްމީ ހައިސިއްޔަތުން މާލެއަތޮޅުގައި ވަޑައިނުގެންނެވި އޮތް 3 ރަށްކަމުގައިވާ ކާށިދޫ، ދިއްފުށި އަދި ތުލުސްދޫއަށެވެ.
ރައީސްގެ މި ދަތުރުފުޅުގައި، އެރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވައި، ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރައްޔިތުންގެ ހާލު ބައްލަވާ، އެކި ކަންކަމުގައި ރައްޔިތުންގެ ފަރާތުން ހިއްސާކުރެއްވި ވާހަކަތައް އަޑުއެއްސެވިއެވެ.
ސަރުކާރުގެ ބައެއް ވަޒީރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައިވެސް އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. މީގެއިތުރުން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްވެސް ފައްޓަވާފައިވެއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި، މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ.
މި ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ބައެއް ވާހަކަފުޅުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމަށާއި، 2026 ވަނަ އަހަރުގެ ބަޖެޓުގައި އެއް ދާއިރާއަކަށް އެންމެ އިސްކަން ދެއްވާފައި އޮންނާނީ ޞިއްޙީ ދާއިރާއަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ނޮވެމްބަރ 1 ގައި ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު، ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްކޮށް ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން އެކަކަށް، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތިކޮށް، މަތިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޅ. ނައިފަރުގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ފަރުވާގެ ޚިދުމަތް ފުޅާދާއިރާއެއްގައި ދެމުންއަންނަ ބްލިސް ކެއަރ ކްލިނިކަށް ޒިޔާރަތްކުރައްވައި، އެތަނުގައި އެކި ކަހަލަ ފަރުވާ ހޯދަމުންދާ ކުދިންނާ ބައްދަލުކުރައްވައި، އެކުދިންނާއެކުގައިވެސް އެމަނިކުފާނުވަނީ ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.
އެގޮތުން މިއަދު ކ. ތުލުސްދޫއަށް ވަޑައިގަތުމާއެކު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ރެކޯޑް މުއްދަތެއްގެ ތެރޭގައި ޒިޔާރަތްކުރައްވައި އެމަނިކުފާނު މި ވަނީ، ރާއްޖޭގެ ސިޔާސީ މައިދާނުގައި ތާރީޚީ ކާމިޔާބީއެއް ޙާޞިލުކުރައްވާފައެވެ.



