އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ ރިސާލަތެއް ކަމަށް މިއަދުގެ ހުކުރު ހުޠުބާގައި ބުނެފިއެވެ.
”އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް“ މި ނަމުގައި މިއަދު ގެނެސްދިން ހުކުރު ހުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށެވެ.
އަދި މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތު ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތު ކަމަށް ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަމަށެވެ.
ހުތުބާގައި ބުނީ ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ޞަޙާބީންނާއި އުންމަތް، މި މަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިޔަތުކުރެއްވި ކަމަށާއި އެއީ ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަނޑު އަސާސަކީ ރިވެތި އަޚުލާޤާއި، ރަޙުމަތާއި، އޯގާތެރިކަން ކަމުގައިވާތީ ކަމަށެވެ.
“ރިވެތި އަޚުލާޤަށް ބާރުއަޅުއްވައި ކީރިތި ރަސޫލާ ޙަދީޘްކުރައްވައިފައި ވެއެވެ. (إِنَّ الْـمُؤْمِنَ لَيُدْرِكُ بِـحُسْنِ خُلُقِهِ دَرَجَةَ الصَّائِمِ الْقَائِمِ.) މާނައީ: ”ހަމަކަށަވަރުން، މުއުމިނު އަޅާ އޭނާގެ ރިވެތި އަޚުލާޤުގެ ސަބަބުން ސުންނަތް ރޯދަހިފައި ރޭއަޅުކަންކުރުންމަތީ ޤާއިމުވެ ހުންނަ މީހާގެ ދަރަޖައަށް ވާޞިލުވާނޭކަން ކަށަވަރެވެ.“ ހުތުބާގައި ބުނެފައި ވެއެވެ.
ހުތުބާގައި ބުނީ މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ހަޔާތުގައި ބާއްޖަވެރިކަން ލިބޭނެ ކަމަށެވެ.
މީގެ އިތުރުން ހުތުބާގައި ވަނީ އެކަލާނގެ ދީނުގައި ވަރުގަދައަށް ހިފަހައްޓަން ގޮވާލައި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ގޮވާލާފައެވެ.




