ދިވެހިބަހުގެ ދާއިރާއިން ފުރަތަމަ ފަހަރަށް ޕީއެޗްޑީ ޙާޞިލްކުރެއްވި ބޭފުޅަކަށް ޑރ. އާމިނަތު ޒާހިރު ވެވަޑައިގެންފި އެވެ.
ޑޮކްޓޯރަލް ޑިގްރީ ދިވެހިބަހުން ހައްދަވައި ޑރ. އާމިނަތު ޒާހިރުވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ (އެމްއެންޔޫ) އިން ދަސްވެނިވެފައެވެ.
އެމްއެންޔޫގައި ބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ދިވެހިބަހާ ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވަނީ ޑރ. އާމިނަތު ޒާހިރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ކާމިޔާބީއަކީ ދިވެހިބަހާއި، ޤައުމީ ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. އަދި މިގޮތުން ދިވެހިބަހުގެ މުހިންމުކަމުގެ މައްޗަށް ވަޒީރު އަލިއަޅުވައިލެއްވިއެވެ.
ބަހާބެހޭ ވަޒީރު ވިދާޅުވީ، ޑރ. އާމިނަތު ޒާހިރު ދިވެހިބަހުގެ ދާއިރާއިން ޕީއެޗްޑީ ޙާޞިލްކުރެއްވުމަކީ ދިވެހިބަހަށާއި، ސަޤާފަތާއި ތަރިކައަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މި ތާރީޚީ ކާމިޔާބީއަށްޓަކައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިންނަށާއި، ދާރިސުންނަށާއި، ދަސްވެނިންނަށް ވަޒީރު ވަނީ ޝުކުރާ ތަހުނިޔާ އަރިސްކުރައްވާފައެވެ.
ޑރ. އާމިނަތު ޒާހިރުގެ ތަޢުލީމީ ދަތުރުފުޅަށް ބަލާއިރު، އެކަމަނާ ދިވެހި ބަހުގެ ޑިގްރީ ކޯސް ފުރިހަމަ ކުރެއްވީ 2009 ވަނަ އަހަރުއެވެ. އޭގެ ފަހުން ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓާސް ފުރިހަމަކުރެއްވިއެވެ. ދިވެހިބަހުން ޕީއެޗްޑީއަށް ކިޔަވަން އާމިނަތު ޒާހިރު ފައްޓަވާފައިވަނީ 2019 ވަނަ އަހަރުއެވެ.
އެކަމަނާއަކީ މިހާރު ވެސް އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްގެ ސީނިއާ ލެކްޗަރާއެކެވެ. މި ކާމިޔާބީއާއެކު ދިވެހިބަހުގެ ދިރާސާތަކަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.




