ދުންފަތުގެ އިސްތިޢުމާލުކުރުން މަނާކުރުމަށް ރާއްޖޭގައި ތަންފީޒުކުރަން ފަށާ ”ޖެނެރޭޝަން ބޭން“ އަކީ ދުންފަތާ ދެކޮޅަށް ކުރެވޭ ޤައުމީ މުހިންމު މަސައްކަތެއްކަމަށާއި، މި ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒުކުރުމަށް ހުރިހާ އެންމެންގެ ޝާމިލުވުމާއި ބައިވެރިވުން މުހިންމުކަމުގައި ހެލްތް މިނިސްޓަރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގޮތަށް ވިދާޅުވީ، ދުންފަތާ ދެކޮޅަށް ރާއްޖޭން ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި ”ނޭޝެނަލް ޓޯޗް ރަން“ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ޖެނެރޭޝަން ބޭން ތަންފީޒުކުރަން ފަށާނީ މި ފެށޭ ނޮވެމްބަރު އެކަކުން ފެށިގެންނެވެ. މި ސިޔާސަތުގެ ދަށުން 1 ޖެނުއަރީ 2007 އިން ފެށިގެން އުފަންވެފައިވާ ފަރާތްތަކަށް ދުންފަތުގެ އިސްތިޢުމާލުކުރުމާއި ވިއްކުންވެސް މަނާވެގެންދާނެއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި ދިމާވާ ޞިއްޙީ ގިނަ މައްސަލަތައް ގުޅިފައިވަނީ ޞިއްޙަތާ ބީރައްޓެހި އަދި ކަނޑައެޅިގެން ބޮޑެތި ބަލިތަކަށް ހުށަހެޅޭ އާދަތަކާކަމަށެވެ. އެހެންކަމުން، މިފަދަ އާދަތަކުން މުޖުތަމަޢުއާއި ޅަދަރިން ރައްކާތެރިކޮށް ދުޅަހެޔޮ އާދަތަކަށް ރައްޔިތުން އަހުލުވެރިކުރުވުމަކީ މިއަދު އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ ކަންތައްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މިކަމާގުޅޭ ޤާނޫނު ތަންފީޒުކުރެއްވުމަކީ ތާރީޚީ ނިންމެވުމެއްކަމަށެވެ. އެމަނިކުފާނު ވަނީ މި ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ.
”މިއަހަރުގެ މެއިމަހުގެ 21 ވަނަ ދުވަހު ރައީސް ޖަނަރޭޝަން ބޭންގެ ޤާނޫނު ތަންފީޒުކުރެއްވުން، އަދި އެ ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ ޒުވާން ޖީލު ރައްކާތެރިކޮށްދެއްވާނެކަމަށް ދެއްވި ޔަޤީންކަމާއެކު ދިވެހިރާއްޖެ ވެގެން މިދަނީ މިފަދަ ސިޔާސަތެއް ދުނިޔޭގައި ތަންފީޒުކުރާ އެންމެ ފުރަތަމަ ޤައުމަށް. މި ނެންގެވި ތާރީޚީ އަދި ބޯލްޑް ނިންމެވުމަށް ދުނިޔޭގެ އެހެނިހެން ޤައުމުތަކުންނާއި ޞިއްޙަތާގުޅުންހުރި އިދާރާތަކުން ތަޢުރީފުކޮށް ރައިސާއި ސަރުކާރަށް ވަނީ އެކަމުގެ ތައުރީފުކޮށްފައި.“ މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ދުޅަހެޔޮ ޞިއްޙަތެއް ލިބުމަކީ އިންސާނަކަށް ލިބޭނެ އެންމެ އަގުހުރި ނިޢުމަތްކަމަށާއި، ސަލާމަތް ޞިއްޙަތެއްގައި ހުރުމަކީ ދިރިހުރުމާއި ދިރިއުޅުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ ކަމެއްކަން އަބަދުވެސް ހަނދާނުގައި ބަހައްޓަންޖެހޭނެކަމަށެވެ.
ސަރުކާރުގެ ޞިއްޙީ ދާއިރާގެ މައިގަނޑު އަމާޒަކީ ދުޅަހެޔޮ ފަރުދެއް، ދުޅަހެޔޮ އާއިލާއެއް، ދުޅަހެޔޮ މުޖުތަމަޢެއް އަދި ދުޅަހެޔޮ ދިވެހީންގެ ރާއްޖެއެއް ބިނާކުރުންކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ރަނގަޅު މަޢުލޫމާތު ފޯރުކޮށްދިނުމާއި، ދުރާލާ ބަލިތަކުން ރައްކާތެރިވުމާއި އަދި ބަލިވުމުން ލިބެންޖެހޭ ފަރުވާގެ ކަންކަން ކަށަވަރުކުރުމަށް ވަށާޖެހޭގޮތެއްގައި މަސައްކަތް ކުރިއަށްގެންދާނެކަމަށް މިނިސްޓަރު ނާޡިމް ވިދާޅުވިއެވެ.



