މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދުމަށް ބާއްވާ ވޯކިން އިންޓަވިއު މާދަމާ ބާއްވަން ނިންމާފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މި ރެކްރޫޓްމަންޓް އިވެންޓް ބާއްވަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 08:30 އިން ހަވީރު 16:30 އަށް ހުޅުމާލެ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގައެވެ.
އިމިގްރޭޝަނުން މިފަދަ ވޯކިން އިންޓަވިއުއެއް ބާއްވަނީ މިއީ ދެވަނަ ފަހަރަށެވެ. މީގެ ފަސް މަހެއްހާ ކުރިން ބޭއްވި ފުރަތަމަ ވޯކިން އިންޓަވިއުއަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ. އެގޮތުން އެ ފަހަރު 900 އަށްވުރެ ގިނަ މީހުން އިންޓަވިއުއަށް ހާޒިރުވިއިރު، ޝަރުތު ހަމަވީ 758 މީހެކެވެ. އޭގެ ތެރެއިން 549 މީހުން ވަނީ އިމްތިހާނު ހަދާފައެވެ.
މިފަހަރު އިމިގްރޭޝަން އޮފިސަރުންގެ މަގާމަށް ހޮވޭ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ކުރާނެ މަސައްކަތްތަކުގެ ތެރޭގައި އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން ސީޕޯޓް ސެކްޝަންގެ މަސައްކަތްތަކާއި، ވިޒާ ސެކްޝަންގެ މަސައްކަތްތައް ވެސް ކުރަންޖެހޭނެއެވެ.
އޮފީހަށް ދިމާވާ ޚާއްސަ ހާލަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމަކީ ވެސް މި މަގާމުގެ މަސްއޫލިއްޔަތެކެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކަށް ބަލާއިރު، ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށް ވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައި ވުމަކީ މަޖުބޫރު ކަމެކެވެ. އަދި އިއުލާން ކުރާ މުއްދަތު ހަމަވާއިރު އުމުރުން 40 އަހަރު ފުރިފައި ނުވާ މީހެއް ކަމުގައި ވާންޖެހެއެވެ.
އިމިގްރޭޝަނުން ވަނީ އިންޓަވިއުއަށް ހާޒިރުވާ ފަރާތްތަކުން ގެންނަންޖެހޭ ލިޔެކިޔުންތައް ވެސް ހާމަކޮށްފައެވެ. އެގޮތުން، ސިވިލް ސާވިސްގެ ވަޒީފާގެ ފޯމް ފުރިހަމަ ކޮށްފައިވުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އަދި ކޮޕީ، ސީވީގެ ކޮޕީއެއް، އައިޑީކާޑުގެ ކޮޕީއެއް އަދި ތަޖުރިބާ ހުރި ނަމަ އެކަމުގެ ލިޔުމުގެ ކޮޕީ ގެންދިއުމަށް އެދިފައިވެއެވެ.



