ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ތެރެއިން 2،000 އަށްވުރެ ގިނަ ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ދޫކޮށްފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީ އިން ބުނި ގޮތުގައި، މިހާތަނަށް 2،032 ފަރާތަކަށް ރަޖިސްޓްރީ ހަވާލުކޮށްފައިވެ އެވެ.
މި ރަޖިސްޓްރީތައް ދޫކުރަމުންދަނީ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަށް ގެނެވުނު ބަދަލާ ގުޅިގެން ގުރުއަތު ނެގުމަށްފަހު، ގޯތި ލިބިފައިވާ ފަރާތްތަކަށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބިފައިވާ ފަރާތްތަކަށް ރަޖިސްޓްރީ ދޫކުރަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 12 ވަނަ ދުވަހުއެވެ.
ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދަނީ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީ ހިންގި އިމާރާތުގެ ބިމުގައެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް މަސައްކަތްކުރަމުންދާނެއެވެ.



