ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްސަ ރެފްރިޖެރޭޓެޑް ސީވޯޓަރ (އާރްއެސްޑަބްލިއު) ސިސްޓަމެއް ތަޢާރަފްކޮށްފިއެވެ.
މި ނިޒާމު ރަސްމީކޮށް ތަޢާރަފްކޮށްދެއްވީ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމްއެވެ.
އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތަޢާރަފްކުރި މި އާރްއެސްޑަބްލިއު ނިޒާމަކީ، ރާއްޖޭގެ މަސް ދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްސަކޮށްގެން ތަޢާރަފްކުރި ފުރަތަމަ ނިޒާމެވެ.
ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި، މި އާރްއެސްޑަބްލިއު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން މަސްވެރިންނަށް އެތަކެއް ފައިދާތަކެއް ކުރާނެއެވެ. އެގޮތުން، މަސްވެރިކަމުގައި ދިމާވާ އައިސް ލިބުމުގެ ދަތިތަކަށް ހައްލެއް ލިބި، އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ. މީގެއިތުރުން، މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި، މަސްވެރިންގެ އާމްދަނީ އެތައް ގުނައަކުން އިތުރުވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އާރްއެސްޑަބްލިއު ނިޒާމެއް ތަޢާރަފްކުރުމަކީ ބޮޑު ޚަރަދެއް ހިނގާނެ ކަމަކަށްވުމާއެކު، އެންމެ ފުރިހަމަ ގޮތުގައި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އައިސް ލިބުމުގެ ދަތިކަމާއި، ތެލުގެ އަގު ބޮޑުވުން ހިމެނެއެވެ. މި ދަތިތަކަށް ހައްލެއް ހޯދައިދިނުމަށްޓަކައި މިހާރު ސަރުކާރުން ދަނީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމް ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމްތައް އޮޑި ދޯނިފަހަރުގައި ޤާއިމްކުރުމަށް ލޯނު ދޫކުރަމުންނެވެ.
ސަރުކާރުން ވިދާޅުވާ ގޮތުގައި، މި މަސައްކަތާއެކު އައިސް ހޯދުމަށް މަސްވެރިން ކުރާ ދަތުރުތަކަށް ލުއި ލިބޭނެއެވެ. މިހާރުވެސް ދެކުނުގެ ގިނަ ދޯނިތަކެއްގައި މި ނިޒާމު ހަރުކޮށްފައިވާއިރު، ސަރުކާރުގެ އަމާޒަކީ ހުރިހާ މަސްދޯންޏެއްގައިވެސް މި ނިޒާމު ޤާއިމްކުރުމެވެ.
މިއަހަރުގެ މަސްވެރިކަމުގެ ދުވަހުގެ ކުރިން އިތުރު 200 މަސްވެރިންނަށް އާރްއެސްޑަބްލިއު ސިސްޓަމްތައް ޤާއިމްކުރުމަށް އިތުރު ލޯނު ޕްރޮގްރާމަކަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް ވަނީ އިޢުލާންކުރައްވާފައެވެ.



