މޯލްޑިވްސް އިމިގްރޭޝަނަށް 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދުމަށް ބޭއްވި ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
އިމިގްރޭޝަންއިން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 70 އޮފިސަރު ޓްރެއިނީސް ނެގުމަށް ބޭއްވި މި އިންޓަވިއު ފެށިތާ ދެތިން ގަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ މީހުން ހާޒިރުވެފައިވާ ކަމަށެވެ.
މިއީ އިމިގްރޭޝަންއިން މިފަދަ ގޮތަކަށް ވަޒީފާއަށް މީހުން ހޯދުމަށް ކުރިއަށްގެންދާ ދެވަނަ އިވެންޓެވެ. މީގެ ފަސް މަހެއްހާ ކުރިން ބޭއްވި ވޯކް އިން އިންޓަވިއުއަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.
އެގޮތުން އެ ފަހަރު 900 އަށްވުރެ ގިނަ މީހުން އިންޓަވިއުއަށް ހާޒިރުވިއިރު، ޝަރުތު ހަމަވީ 758 މީހެކެވެ. އޭގެ ތެރެއިން 549 މީހަކު ވަނީ އިމްތިހާނު ހަދާފައެވެ.

މަޤާމަށް ބޭނުންވާ މައިގަނޑު ޝަރުތުތަކާއި މަސައްކަތްތައް:
އިމިގްރޭޝަންގެ ވަޒީފާގައި މައިގަނޑު ގޮތެއްގައި ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި އެއާޕޯޓްގެ ބޯޑަރު ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ހިދުމަތްދިނުމުގެ މަސައްކަތް ހިމެނެއެވެ. އަދި ސީޕޯޓް ސެކްޝަންގެ މަސައްކަތްތަކާއި ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް ކުރަންޖެހެއެވެ.
މީގެ އިތުރުން އޮފީހަށް ދިމާވާ ޚާއްސަ ހާލަތްތަކާއި ގުޅިގެން ކުރިއަށް ގެންދާ ޙާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައްވެސް ހިމެނެއެވެ.
މި މަގާމަށް ހޮވުމުގައި ބަލާނެ މައިގަނޑު ޝަރުތުތަކުގެ ތެރޭގައި ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން މަދުވެގެން ދެ ޑީ ފާސް ލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވުން ހިމެނެއެވެ. އަދި އިޢުލާން ކުރާ މުއްދަތުގެ ކުރިން އުމުރުން 40 އަހަރު ފުރިފައިނުވާ މީހެއް ކަމުގައިވުން ވެސް ޝަރުތުކުރެއެވެ.
އިމިގްރޭޝަންއިން ވަޒީފާއަށް އެދި ހާޒިރުވާ ފަރާތްތަކުން، ސިވިލް ސާވިސްގެ ވަޒީފާގެ ފޯމް ފުރިހަމަކޮށްފައިވުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އަދި ކޮޕީ، ސީވީގެ ކޮޕީއެއް، އައިޑީކާޑުގެ ކޮޕީ، އަދި ތަޖުރިބާ ހުރިނަމަ އެކަމުގެ ލިޔުމުގެ ކޮޕީ ގެންދިއުމަށް އެދިފައިވެއެވެ.



