ފުވައްމުލައް ސިޓީއިން ފެނުގެ ހިދުމަތްދޭ ޕްލާންޓަށް ލޮނުގެ އަސަރުކޮށް ޖެހުނު މައްސަލަ ހައްލު ކޮށް އަލުން ހިދުމަތް ދޭން ފަށާފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފުވައްމުލަކުގެ ފެން ޕްލާންޓަށް ލޮނުގެ އަސަރުކޮށް ރޭ ވަނީ މުޅި ފުވައްމުލަކުން ފެނުގެ ހިދުމަތް ކެނޑިފައެވެ.
މިކަމާ ގުޅިގެން ފެނަކައިން ރޭ ނެރުނު ބަޔާނެއްގައި ބުނީ، ފުވައްމުލަކުގައި ފެނުގެ ހިދުމަތް ދެމުންގެންދާ ދެ ފެންޕްލާންޓްގެ ތެރެއިން އެއް ޕްލާންޓްގެ ކަނެކްޝަން މައްސަލައެއް ދިމާވެ އެކަން ކުންފުނީގެ މުވައްޒަފުންގެ ސަމާލުކަމަށް އައުމާއިއެކު އެ މައްސަލަ ދެނެގަތުމަށް ކުރެވުނު މަސައްކަތުން އެ ޕްލާންޓުގެ ފެނުގެ ނެޓްވޯކްގައި ލޮނުގެ އަސަރު ހުރިކަން ޓެކްނިކަލް ޓީމަށް ފާހަގަކުރެވުނު ކަމަށެވެ.
މިއާއިއެކު އެމައްސަލަ ހައްލުކުރުމަށްޓަކައި އެ ސިޓީގެ ފެނުގެ ހިދުމަތް މިވަގުތު ވަގުތީގޮތުން މެދުކަނޑާލެވިފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
އެމައްސަލަ ހައްލުކުރުމަށްޓަކައި ވޯޓާ ނެޓްވޯކް ފުލަޝްކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި މި މަސައްކަތް ނިމި ރޭގެ ދަންވަރުގެ ވަގުތެއްގައި މުޅި ސިޓީއަށް ފެނުގެ ހިދުމަތް ފޯރުކޮށްދެވޭނެކަމަށް ލަފާކުރެވޭ ކަމަށް ފެނަކައިން ބުނެފައިވެއެވެ.
ފެނަކައިން ބުނި، މިކަމުގެ ސަބަބުން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.
އަދި އެ ކުންފުނީން ދެމުން އަންނަ ހިދުމަތް މެދުކެނޑުމެއްނެތި ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަށް އަބަދުވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ފެނަކައިން ބުންޏެވެ.




