މިދިޔަ މަހުގެ ތެރޭގައި ޖުމްލަ 165 ސްކޭމް މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު، މި މައްސަލަތަކުގައި 1.3 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ މަހު ހުށަހެޅުނު ސްކޭމް މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސް ނުވަތަ އޮންލައިން ވިޔަފާރީގެ ސްކޭމްތަކެވެ. އެގޮތުން އީ-ކޮމާސްގެ 86 ސްކޭމްގެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފައެވެ.
މީގެ އިތުރުން ކަރަންސީ އެކްސްޗޭންޖު ސްކޭމްގެ 25 މައްސަލަ، އިންޕާސަނޭޝަން ސްކޭމްގެ 17 މައްސަލަ، އަދި ފިޝިން، ވިޝިން އަދި ޖޮބް ސްކޭމްގެ 15 މައްސަލަ ހިމެނެއެވެ. އެހެނިހެން 22 ސްކޭމްގެ މައްސަލަވެސް ހުށަހެޅިފައިވެއެވެ.
މި ސްކޭމްތަކުގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކަށް ޖުމްލަ 1.3 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންނަށް މިދިމަހު ހުށައެޅި 165 ސްކޭމް މައްސަލައިގެ ތެރެއިން 84 މައްސަލައެއްގައި ފައިސާ ހޯދިފައިވާއިރު، އެއްކޮށް ފައިސާ ހޯދިފައިވަނީ 84 މައްސަލައެއްގައެވެ. އެއީ ހަތަރު ލައްކަ ރުފިޔާއެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މި ސްކޭމްތައް ހިންގުމަށް ބޭނުންކޮށްފައިވާ ވަސީލަތްތަކުގެ ތެރޭގައި ފޯން ކޯލް، އައިބޭ، އޮންލައިން މެސެޖިން، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
މިފަދަ ސްކޭމްތަކުގައި ޖެހޭ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވޭތީ، ސްކޭމްތަކަށް ސަމާލުވުމަށް މެދުކެންދުމެއްނެތި ފުލުހުންނާއި ކަމާއި ގުޅުން ހުރި އިދާރާތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.



