ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕް 2025ގައި ބައިވެރިވާ ޓީމަށް، ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ހިތްވަރުދެއްވައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ ޓީމު މިއަދު ވަނީ ސްރީލަންކާގެ ކޮލަމްބޯއަށް ފުރާފައެވެ. ގައުމަށް ރީތި ނަން ހޯދައިދިނުމުގެ އުންމީދުގައި މި ޓީމު ފުރިއިރު، ކޯޗުކަމުގެ މަސައްކަތް ކުރައްވާނީ ތަޖުރިބާކާރު ކޯޗު މުނާ މުނީރެވެ.
މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމުގެ ކުޅުންތެރިންނަށް ޖޯޒީ ހަވާލުކުރުމަށްޓަކައި ހޮނިހިރު ދުވަހު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކުޅުންތެރިންނާއި އޮފިޝަލުންނަށް ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް ޠަލާލެވެ. މި ރަސްމިއްޔާތުގައި ކާވާގެ ރައީސް އަދި ވީއޭއެމްގެ ރައީސް މުޙައްމަދު ލަތީފާއި ވީއޭއެމްގެ އިސްވެރިންނާއި ގައުމީ ޓީމުގެ ކުޅުންތެރިންގެ ބެލެނިވެރިން ވެސް ބައިވެރިވިއެވެ.
ޖޯޒީ ހަވާލުކޮށްދެއްވުމަށްފަހު ޠަލާލް ވަނީ ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާ މުޚާތަބުކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ސްޕޯޓްސް ކޮމިޝަނަރ ވަނީ ރާއްޖޭގެ ކުޅުންތެރިން ކުޅިވަރުގެ ހަގީގީ ހަމަތައް ދަމަހައްޓައި، ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ ތަމްސީލުކުރަމުންދާކަން އަބަދުވެސް ހަނދާން ބެހެއްޓުމަށް އިލްތިމާސް ކުރައްވާފައެވެ. މިއީ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.
މި މުބާރާތް އޮންނާނީ 4-6 ނޮވެމްބަރަށް ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައެވެ. ރާއްޖޭގެ އަންހެން ޓީމު އެންމެ ފުރަތަމަ ކުޅޭނީ މުބާރާތް ހުޅުވާ މެޗުގައި ހޯސްޓް، ސްރީލަންކާއާއި ދެކޮޅަށެވެ. އެއަށްފަހު 5 ނޮވެމްބަރުގައި ރާއްޖެއިން ނިކުންނާނީ ކިރްގިސްތާނާ ދެކޮޅަށެވެ. 6 ވަނަ ދުވަހު ކުޅޭނީ ނޭޕާލާއި ދެކޮޅަށެވެ.
މުބާރާތުގެ ރޭންކިން މެޗުތައް 7 ނޮވެމްބަރުގައި އޮންނައިރު، ސެމީ ފައިނަލް މެޗުތައް އޮންނާނީ 8 ނޮވެމްބަރުގައެވެ. އަދި ފައިނަލް މެޗު އޮންނާނީ 9 ނޮވެމްބަރުގައެވެ.


