ރާއްޖޭގައި އަންނަން އޮތް ޖީލުތަކަށް ދުންފަތް ބޭނުންކުރުން މަނާކުރުމުގެ ގޮތުން ”ޖެނެރޭޝަނަލް ބޭން“ އެއް ތަންފީޒުކުރަން ފެށުމާއެކު، މިކަމަށް ދުނިޔޭގެ ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މި ނިންމެވި ނިންމެވުމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އާއި އެހެނިހެން ގިނަ ބައިނަލްއަޤްވާމީ ފަރާތްތަކުން ދަނީ ތަޢުރީފުކުރަމުންނެވެ.
ރާއްޖެއަކީ ދުނިޔޭގައި އަލަށް ދުންފަތާއި ދެކޮޅަށް ޖެނެރޭޝަނަލް ބޭންއެއް ތަންފީޒުކުރަން ފެށި ފުރަތަމަ ޤައުމުކަމަށް ވުމާއެކު، ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް މި ޚަބަރު ވަނީ އަރާފައެވެ. މިކަން ފާހަގަކޮށްފައިވަނީ އަންނަން އޮތް ޖީލުތަކުގެ ޞިއްޙަތަށްޓަކައި ނިންމުނު ވަރަށް ރަނގަޅު ނިންމުމެއްގެ ގޮތުގައެވެ.
މި ޚަބަރު ގެނެސްދިން މީޑިއާތަކުގެ ތެރޭގައި އިންޑިޔާ، ޕާކިސްތާން، ލަންކާ، އިރުމަތީ އޭޝިޔާގެ ޤައުމުތައް (މިޔަންމާ، މެލޭޝިޔާ، އުޒްބަކިސްތާން، ޗައިނާ) ގެ އިތުރުން އެމެރިކާ، ޔޫރަޕުގެ ބޮޑެތި ޤައުމުތައް (އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ބެލްޖިއަމް، ސްވިޓްޒަލޭންޑް) އަދި އެފްރިކާ ބައްރުގެ މީޑިއާތައް ހިމެނެއެވެ.
މި ހުރިހާ މީޑިއާތަކުންވެސް ރައީސް މުޢިއްޒުގެ ސަރުކާރުގެ މި ނިންމެވުން ސިފަކޮށްފައިވަނީ އަންނަން އޮތް ޖީލުތަކަށްޓަކައި ނިންމެވި މުހިއްމު ނިންމެވުމެއްގެ ގޮތުގައެވެ. އަދި ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ބައިނަލްއަޤްވާމީ ފަތުރުވެރިން މިކަންކަމަށް ސަމާލުވުމަށްވެސް މީޑިއާތަކުން ވަނީ އިރުޝާދު ދީފައެވެ.
ރާއްޖެއަށް މި ޝަރަފު ލިބިފައިވާއިރު، ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ތައްޔާރުވަމުންދާކަން ފާހަގަކުރެވެއެވެ.
ރާއްޖޭގައި ތަންފީޒުކުރަން ފެށި ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯގެ ދަށުން، 2007 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް ބޭނުންކުރުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، އެ ޢުމުރުގެ އެއްވެސް މީހަކަށާއި އަދި ޢުމުރުން 21 އަހަރު ނުފުރޭ އެއްވެސް މީހަކަށް ދުންފަތުގެ ބާވަތެއް ވިއްކުމަކީވެސް މަނާކަމެކެވެ.



