އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާކުރަން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައި ވަނީ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަންއާއެވެ.
އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށް، އެއްބަސްވުމުގައި މިރޭ ވަނީ ސޮއިކޮށްފައެވެ.
އަތޮޅުތެރޭގައި ޤާއިމްކުރެވޭ ފުރަތަމަ ވަޤުފް މަޝްރޫއުކަމުގައިވާ އައްޑޫ ވަޤްފު މަޝްރޫއުގައި ސޮއިކުރީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި މި މަޝްރޫޢުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އަދި އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ފަރާތުން އިބްރާހިމް ފަސީހުއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ވަޤްފު މަޝްރޫއަކީ އޮފީސް ބަޔާއި އެކޮމޮޑޭޝަންގެ އިތުރުން ކޮމާޝަލް ސްޕޭސް ހިމެނޭ މަލްޓިޕާޕަސް ކޮމްޕްލެކްސްއެއް ކަމަށެވެ.
އަދި މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ޤާއިމްކުރެވޭ ޢިމާރާތެއް ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
540 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ޖުމްލަ އަގަކީ 20 މިލިޔަން ރުފިޔާއެވެ.
މި މަޝްރޫޢު ނިމުމާއެކު އައްޑޫގެ އިސްލާމީ ދާއިރާއަށް މާލީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އަތޮޅުތަކުގައި ޤާއިމް ކުރެވޭ ވަޤުފް ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅު ކުރުމަށް ކަމަށެވެ.
މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނޭނެއެވެ.
މިނިސްޓްރީން ބުނީ މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމިކްގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުން ކަމަށެވެ.
މި މަޝްރޫޢުއަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދާއި އެއްގޮތަށް ރާއްޖޭގައި ވަޤުފް ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫއުއެކެވެ.



