ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ވިކީ ކޯޝަލް އާއި ކެޓްރީނާ ކައިފްއަށް އަލަތު ދަރިފުޅު ލިބިއްޖެއެވެ.
އެ ދެމަފިރިންނަށް ލިބިފައި ވަނީ ފިރިހެން ކުއްޖެކެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން ކެޓްރީނާ ވިހެއީ މިއަދު މުމްބާއީގެ ހޮސްޕިޓަލެއްގައެވެ.
ކެޓްރީނާ އާއި ވިކީ ވަނީ އެމީހުންނަށް ދަރިއަކު ލިބުނުކަން އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އިއުލާންކޮށްފައެވެ.
އެތައް މިލިއަން ފޮލޯވަރުންނާއި ފޭނުންނާއި ރައްޓެހިންނާ އެ އުފާވެރި ޚަބަރު ހިއްސާ ކުރަމުން އެ ޕޯސްޓުގައި އެ ދެމަފިރިން ވަނީ އެމީހުންގެ ”އުފާވެރިކަމުގެ ބަންޑަލް“ އައިސްފައިވާ ކަމަށް ބުނެފައެވެ.
އަދި އެ މީހުނަށް ލިބުނީ ފިރިހެން ކުއްޖެއްކަން ޕޯސްޓުގައި ވަނީ ހާމަކޮށްފައެވެ.
އެ ހަބަރު ހިއްސާކުރުމާއެކު އެ ދެމަފިރިންގެ ފޭނުން ވަނީ ވަރަށް އުފާވެފައި އިންޓަނެޓް މެދުވެރިކޮށް މަރުހަބާ ކިޔަން ފަށާފައެވެ. އަދި ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ވަނީ އެ ދެމަފިރިންނަށް ތަހުނިޔާ ފޮނުވާފައެވެ.
އޭގެ ތެރޭގައި ކިޔާރާ އަދްވާނީ، ޕްރިޔަންކާ ޗޯޕްރާ، ސޯނަމް ކަޕޫރު، ސަމަންތާ ރޫތު ޕްރަބޫ، އަނަންޔާ ޕަންޑޭ، ޖާންވީ ކަޕޫރު، އަދި ވަރުން ދަވާން ފަދަ ތަރިން ހިމެނެއެވެ.
ކެޓްރީނާ އާއި ވިކީ ކައިވެނި ކުރީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 9ގަ އެވެ. އެ ދެ މީހުން ކައިވެނި ކޮށްފައި ވަނީ ރާޖަސްތާނުގައި ބޭއްވި ކުޑަ ހަފްލާއެއްގައެވެ.


