ރާއްޖޭގެ އެންމެ މަޝްހޫރު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ޑާކްރެއިން އެންޓަޓެއިންމަންޓުން މިއަހަރު ނެރޭ އެންމެ ފަހު ފިލްމު ކަމަަށްވާ ”އަލްވަދާއު“ ގެ ކާސްޓުންނާ، ޑިނަރ ނައިޓަކުން ބައްދަލު ކޮށްލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޑާކްރެއިނުން ވަނީ، އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ޕްރިމިއަރ ކުރަން ހަމަޖެހިފައިވާ ”އަލްވަދާއު“ ގެ ކާސްޓުންނާ ބައްދަލު ކުރުމުގެ ފުރުސަތުގެ އިތުރުން، ހިލޭ ޕްރިމިއަރ އަށް ދިޔުމުގެ ފުރުސަތުވެސް ހުޅުވާލާފައެވެ.
އެގޮތުން މި ފުރުސަތު ހޯދުމަށް ހަމައެކަނި ކޮށްލަންޖެހޭ ކަމަކީ، ޑާކްރެއިންގެ ސޯޝަލް މީޑިއާ އެކައުންޓުތަކުގައި ހިއްސާ ކޮށްފައިވާ ގިވްއަވޭ ޕޯސްޓަށް:
° ލައިކެއް ދީ
° ކޮމެންޓުގައި 3 އެކުވެރިން ޓެގްކޮށްލާ
° ޑާކްރެއިން ޓެގް ކުރުމަށްފަހު ސްޓޯރީގައި އެ ޕޯސްޓު ހިއްސާ ކޮށްލާ
މި ގިވްއަވޭގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 10 ވަނަ ދުވަހެވެ.
”އަލްވަދާއު“ ގެ ލީޑް ރޯލުގައި ހަރަކާތްތެރިވަނީ މިހާރު ޑާކްރެއިންގެ ”ފޭސް“ ޝަރަފް ޢަބްދުﷲ އާއި ކުރިންވެސް އަދި މިހާރުވެސް ޑާކްރެއިންގެ އުފެއްދުންތަކުން ފެންނަ މަރިޔަމް މަޖުދާ (މަޖޫ) އެވެ. މި ފިލްމުގެ އޮފިޝަލް ޕޯސްޓަރުން ފެންނަ ގޮތުގައި، މަޖޫ މި ފިލްމުގައި ކުޅެނީ ނުކުޅެދޭ މީހެއްގެ ރޯލެވެ. އޭނާ އިންނަނީ ވެސް ފުރޮޅުލީ ގޮނޑިއެއްގައެވެ. އަދި ޝަރަފް މަޖޫގެ މޫނުމަތީގައި ދެ އަތުން ވަރަށް ލޯބިން ހިފަހައްޓައިގެން ހުންނަ މަންޒަރުވެސް ފެނެއެވެ. އެހެންކަމުން މިއީ ލޯތްބާއި ވޭންވެސް އެކުލެވޭ ފިލްމެއްކަން ހާމަވެގެންދެއެވެ.
ޝަރަފްއާއި މަޖޫގެ އިތުރުން މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދާނީ، މުޙައްމަދު ރަޝީދު (ދަރާ ރަޝީދު)، ޝީލާ ނަޖީބް، އައިޝަތު ލައިޝާ ލަތީފް، މަޒީން، ހާޒިފް، އިސްމާއިލް ޖުމައިހް އަދި ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.
މިއީ ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ. ކެމެރާމަންއަކީ މަޝްހޫރު އެކްޓަރ އަދި ޑައިރެކްޓަރ މުޙައްމަދު ފައިސަލް އެވެ.
މި ފިލްމުގެ ޓިކެޓި މިހާރު އޮލިމްޕަހުން ވިކެމުން އެބަދެއެވެ.



