މާދަމާ ރޭ ބާއްވަން ހަމަޖެހިފައިވާ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) ގެ ބޮޑު ޖަލްސާ އަށް ރާއްޖެގެ އެކި ކަންކޮޅު ތަކުން މީހުން މާލެ އަންނަން ފަށައިފި އެވެ.
މި ޖަލްސާއަށް މިހާތަނަށް އައްޑޫ، ފުވައްމުލައް އަދި ރ އަތޮޅުން ގިނަ އަދަދެއްގެ ބަޔަކު ވަނީ އައިސްފައެވެ. މީގެ އިތުރުންވެސް މިއަދާއި މާދަމާގެ އެކި ވަގުތުގަކުގައި ގިނަ އަދަދެއްގެ ބަޔަކު މި ޖަލްސާގައި ބައިވެރިވުމަށް މާލެ އަންނަމުންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.
މާދަމާ ރޭ އޮންނަ ޖަލްސާ އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ފާއިތުވަމުންދާ ދެ އަހަރު ދުވަހުގެ ތެރޭގައި ޤައުމަށް ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި، ގެނެސްދެއްވި ތަރައްޤީގެ އަގުވަޒަންކޮށް އެކަން ފާހަގަ ކުރުމަށް ބާއްވާ ޖަލްސާ އެއް ކަމަށް ޕީއެންސީ އިން ވަނީ ބުނެފައެވެ.
އެ ޕާޓީއިން ބުނެފައިވާ ގޮތުގައި މި ޖަލްސާ ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ސިޔާސީ ޖަލްސާ އަށް ކަމަށެވެ.
”ދިވެހީންގެ ރާއްޖެ‘ މި ނަމުގައި ބާއްވާ މި ޖަލްސާ ފެށޭނީ މާދަމާ ރޭ 8:30 ގައި، މާލެ އާޓިފިޝަލް ބީޗުގައެވެ.



