ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅާނީ، އަދި އިންތިހާބު ކުރާނީ، ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު، އަދި މިހާރު އިސް ވަޒީރެއްގެ ގޮތުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ ކަމަށް ސަރުކާރު ހިންގާ، ޕީއެންސީގެ ބައެއް މެންބަރުން ވިދާޅުވެއްޖެ އެވެ.
މިދިޔަ އާދީއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފަހު، ޕީއެންސީ އަށް ނިސްބަތްވާ އިންތިހާބީ މެންބަރުންނާއި މިނިސްޓަރުންނާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގާރަ ދުވަހު މުލިއާގޭގައި ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވި މައިގަނޑު ދެ ވާހަކަ އަކީ، މެންބަރުންނަށް އެ މަނިކުފާނުގެ ފަރާތްޕުޅުން ކަންކަން އަންގަވާނެ ބޭފުޅެއް ނުހުންނަވާނެ ކަމާއި، މަޖިލީހުގެ އިސް މަގާމުތަކަށް އައްޔަން ކުރާނެ ބޭފުޅުން ކަނޑައަޅުއްވާނީ ވެސް އެ މަނިކުފާނު ކަމަށެވެ.
”ރައީސް ވިދާޅުވީއޭ ބުނެ މެންބަރުން ގާތަށް ދާނެ މީހަކު ނުހުންނާނެ“
އިންތިހާބީ މެންބަރަކު ”އަދަދު“ އާ ވާހަކަދައްކަވަމުން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ޖުމްލަގޮތެއްގައި ބާރުއެޅުއްވީ ޕީއެެންސީގެ ޕާލަމެންޓްރީ ގްރޫޕް ބަދަހިކޮށް ބޭއްވުމުގެ މައްޗަށް
”އެއީ މަޖިލީހުގެ ރައީސް، ނައިބު ރައީސް އަދި ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު ކަނޑައަޅާނީ އެ މަނިކުފާނު ކަމަށް. އެގޮތަށް އެކަން ކުރައްވަން ނިންމެވީ ބައިބައި ވިޔަ ނުދިނުމަށް. އެކަންކަމުގެ ވާހަކަ ރައީސް ވަރަށް ސާފުކޮށް ވިދާޅުވި.“ ޕީއެންސީގެ ޓިކެޓުގައި މަޖިލީހަށް ހޮވިވަޑައިގަތް މެންބަރަކު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް ކަމަށް ރައީސް ހިޔާރު ކުރައްވާނީ އަބްދުއްރަހީމް ކަމަށް ޕީއެންސީގެ ގިނަ މެންބަރުން ގަބޫލު ކުރައްވަ އެވެ. އެފަދަ އިޝާރާތެއް އަބްދުއްރަހީމަށް ދެއްވާފައިވާ ކަމަށް ވެސް އިތުބާރު ކުރެވޭ މަސްދަރުތަކުން ”އަދަދު“ ނޫހަށް ވިދާޅުވި އެވެ.
”އަޅުގަނޑަށް އެނގިފައިވާ ގޮތުން ރައީސް ވަނީ އަބްދުއްރަހީމް އަށް އެ ޔަގީންކަން [މަޖިލީހުގެ ރައީސްކަމުގެ މަގާމުގެ ޔަގީންކަން] ދެއްވާފައި،“ ނޫހަށް ވާހަކަ ދެއްކި، ޕީއެންސީގެ މެންބަރަކު ވިދާޅުވި އެވެ.
”އަބްދުއްރަހީމް އަކީ އެވަގުތަކު ހުންނަވާ ވެރިޔަކަށް ވަރަށް ވަފާތެރި ބޭފުޅެއް. އެ ޔަގީންކަން ރައީސް އަށް އޮންނާނެ. އަދި މިވަގުތު ސިޔާސީ ގޮތުން އެންމެ ތަޖުރިބާ ހުރި އެކަކަު އެއީ.“



