ރާއްޖޭގައި ހަލުވި ކަމާއެކު ޗިކުންގުންޔާ ފެތުރި, މިމަހު އެކަނި ވެސް މާލެ ސަރަހައްދުން 59 މީހުން އެ ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.
ޗިކުންގުންޔާއަކީ, ޑެންގީ ހުމެކޭ އެއްފަދައިން އީޑީސް މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަލް ހުމެކެވެ. މި ބަލީގެ ސަބަބުން ދިމާވާ ހުޅުހުޅުގައި ރިއްސުމާއި ބައެއް ފަހަރު ހުޅު ދުޅަވުމުގެ އުނދަގޫތައް ގިނަ ދުވަހަށް ދެމިގެން ދެ އެވެ.
ޗިކުންގުންޔާ ފެތުރެވީ އެ ބަލި ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް, ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުންނެވެ. މަދިރި ހަފާތާ ތިން ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ބަލީގެ އަލާމާތްތައް ފެންނަން ފަށަ އެވެ.
ރާއްޖޭގައި ޗިކުންގުންޔާ ފެތުރެމުން ދާތީ, ހެލްތު މިނިސްޓަރު އަބްދުالله ހަލީލް ވަނީ ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅަން ގޮވާލާފަ އެވެ. އަދި މަދިރި އުފެދޭ ތަންތަން ނައްތާލުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.
”ވިއްސާރަ މޫސުން ކުރިޔަށް އޮތުމާއެކު، ހާއްސަ ފިޔަވަޅުތަކެއް ނާޅައިފިނަމަ މި ބަލި ފަތުރާ މަދިރި އުފެދޭ މިންވަރު އިތުރުވާނެ. ޗިކުންގުންޔާއާއި ޑެންގޫ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތަކުން ރައްކާތެރި ވުމަށް އޮތް އެންމެ ފަސޭހަ ގޮތަކީ މަދިރި އާލާވާ ތަންތަން ނައްތާލުން،“ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.




