ތަފާތު އެކި ދާއިރާތަކުން އަންހެނުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަކީ މި ސަރުކާރުން ވަރަށް އިސްކަމެއް ދޭ ކަމެއް ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.
ޝަމާހު މިހެން ވިދާޅުވީ ސްޓެލްކޯއިން އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ ފުރިހަމަކުރި 116 ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ޝަމާހު ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށްޓަކައި އަންހެނުންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށް، ތަފާތު އެކި ދާއިރާތަކުން ފުރުސަތުތައް ފަހިކޮށްދީ، އެ ދާއިރާތަކުގައި އަންހެނުންނަށް ކުރިއެރުން ހޯދޭނެ މަގު ތަނަވަސް ކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
“ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މި ހަރުދަނާ ވިސްނުމާއި އެއްގޮތަށް، އެ މަގަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ކަނބަލުނަންށް އަމާޒުކޮށްގެން މި ކުންފުނިން ހިންގި ”ބިގިނަރސް އިލެކްޓްރީޝަން ކޯސް ފޯރ ވިމެން“ އަކީ ކުރިޔަށް ގެންދެވުނު ވަރަށް އަގުހުރި މަސައްކަތެއް “ ޝަމާހު ވިދާޅުވިއެވެ.
އަދި ހާއްސަކޮށް ފިރިހެނުން ’ޑޮމިނޭޓު‘ ކުރަމުން އަންނަ ދާއިރާއެއްގައި އަންހެން ކަނބަލުން ތަމްރީން ކުރުމަކީ، މީގެ ސަބަބުން ވަރަށް އެދެވޭ ނަތީޖާތަކެއް ނިކުންނާނެ ކަމެއް ކަމަށް އެމްޑީ ޝަމާހު ފާހަގަ ކުރެއްވިއެވެ.
ސްޓެލްކޯ އިން އަންހެނުންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ މި ކޯހަކީ އާންމުކޮށް ހުޅުވާލައިގެން 16 އަހަރުން މަތީގެ ކޮންމެ އަންހެނަކަށްވެސް ބައިވެރިވެވޭނެހެން ކުރިއަށްގެންދިޔަ ކޯހެކެވެ. އެގޮތުން ޖުމްލަ 7 ބެޗަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ އެ ކޯހުގައި ބައިވެރިވެ 116 ކަނބަލުން ކޯސް ފުރިހަމަކުރި ކަމުގެ ސެޓްފިކެޓް މިއަދު ހަވާލުކޮށްދެއްވީ ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދާއި، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަމާހް ޝަރީފާއި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢައިޝަތު މުޒްނާއެވެ.




