ތޫފާން ”ދިތުވާ“ ގައި އަވަށްޓެރި ސްރީލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ ގިނަ ބަޔަކު ހާލުގައި ޖެހިފައި ވާތީ އެ ގައުމަށް އެހީވުމަށް ބާއްވާ ދައުލަތުގެ މީޑިއާ ޕީއެސްއެމް އިން އިސްނަގައިގެން ބާއްވާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯންގައި ބައިވެރިވުމުގެ ގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 4 ފަންޑު ފޮއްޓެއް ބަހައްޓައިފިއެވެ.
ފަންޑުފޮށި ބަހައްޓާފައިވަނީ އެމްޕީއެލް ހެޑް އޮފީސް، މާލޭ ނޯތު ހާބަރު، މަސްމާރުކޭޓު ސަރަހައްދު އަދި މާލެ ސައުތު ވެސްޓް ހާބަރ ޓީޖެޓީ ސަރަހައްދުގައި ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
37 މީޑިއާއެކު ކުރިއަށް ގެންދާ މި ޓެލެތޯން މިއަދު 9 ޖެހި އިރު ފަށާފައިވާއިރު މިރޭ މެންދަމު 1:00 ޖެހުމާ ހަމައަށް މި ޓެލެތޯން ކުރިއަށް ދާނެއެވެ.
މީގެ އިތުރުން ލަންކާ އަށް މިވަގުތު ދިމާވެފައިވާ މި ދަތި އުނދަގޫ ދަނޑިވަޅުގައި އެމްޕީއެލް އިން ލަންކާގެ ރައްޔިތުންނާއިއެކު ތިބި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަވަށްޓެރި ލަންކާއަކީ އަބަދުވެސް ދިވެހިރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ޤައުމެކެވެ. އަދި އެންމެ ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއިން ބޭރުގައި ދިރިއުޅެނީވެސް ލަންކާގައެވެ.
ތޫފާން ”ދީތުވާ“ ގައި މިހާތަނަށް ލަންކާއިން 159 މީހަކު މަރުވެފައިވާ އިރު، މި ތޫފާނުގެ އަސަރު ގާތްގަނޑަކަށް 9 ލައްކަ މީހުންނަށް ކޮށްފައިވާނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.


