އަވަށްޓެރި ސްރިލަންކާއަށް އެރި ތޫފާން ”ދިތުވާ“ ގެ ސަބަބުން މަރުވި މީހުންގެ އަދަދު 334 އަށް އަރައިފިއެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ސްރިލަންކާއަށް ކުރިމަތިވެފައިވާ މި ކާރިސާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 334 އަށް އަރާފައިވާއިރު، 370 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ލަންކާގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
މީގެ އިތުރުން މި ކާރިސާގެ އަސަރު ލަންކާގެ 1 މިލިއަނަށް ވުރެ ގިނަ މީހުނަށް ކޮށްފައިވާއިރު، 2 ލައްކައެއްހާ މީހުންގެ ގެދޮރު ހަލާކު ވުމުގެ ސަބަބުން އެ މީހުން ވަނީ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައެވެ.
ލަންކާގެ ފުލުހުންނާއި ސިފައިން މިހާރު ދަނީ ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކޮށް، އެ ފަރާތްތަކަށް އެހީ ފޯރުކޮށްދެމުންނެވެ.
އިޤްތިޞާދީ އަނދަވަޅަކުން އަރައިގަންނަން މަސައްކަތް ކުރަމުންދާ ސްރީ ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން އިތުރު ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާއިރު، ތޫފާނުގެ ސަބަބުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ޞިނާޢަތްތަކަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ބެލެވެއެވެ.
ލަންކާގެ އިތުރުން ތޫފާން ދިތުވާގެ އަސަރު ވަނީ ދިވެހިރާއްޖެއާއި އިންޑިޔާއަށް ވެސް ކޮށްފައެވެ. އެ ގޮތުން އިންޑިޔާގެ ތަމިލް ނާޑޫގެ ސަރަޙައްދުތަކަށް ވަނީ ރަތް ސަމާލު ނެރެފައެވެ.
ތަމިލް ނާޑޫގެ އިތުރުން އިންޑިޔާގެ އިރުދެކުނުގައި އޮތް ޕުދުޗެރީގެ ސަރަޙައްދުތަކާއި އަންދްރަ ޕްރަދޭޝް ސްޓޭޓްގެ ދެކުނުގެ ސަރަޙައްދުތަކަށް ވެސް ތޫފާނުގެ އަސަރު ދަނީ ކުރަމުންނެވެ.



