ހަނގުރާމައިގެ ސަބަބުން ވީރާނާވެ، ކަރުނަ އާއި ކެކުޅުމުގެ ތެރޭގައި އޮތް ފަލަސްތީނުގެ ގާޒާ އަށް ކައިވެނިތަކުގެ ބޮޑު އީދެއް އަތުވެއްޖެއެވެ.
ދެކުނު ގާޒާގެ ޚާން ޔޫނުސްގައި އެއްފަހަރާ ބޭއްވި 54 ކައިވެންޏާ އެކު، ގިނަ ބަޔަކަށް ވަނީ ވަރަށް ބޮޑު އުފާވެރި ކަމެއް ގެނެސްދީފަ އެވެ.
މި ކައިވެނިތަކުގެ ސަބަބުން ގިނަ ބައެއްގެ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުން ގެނެސްދީފައިވާ އިރު، މި ހަފުލާގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ މީހުން ވަނީ އެއްވެފަ އެވެ.

މި ބޮޑު ކައިވެނި ހަފުލާ ބާއްވާފައި ވަނީ ޚާން ޔޫނުސްގެ ވީރާނާވެފައިވާ މައިދާނެއްގައެވެ. ކައިވެނިކުރި އަންހެނުން ތިބީ އެއްގޮތަކަށް ޑިޒައިންކޮށްފައިވާ، ފަލަސްތީނުގެ ސަގާފަތް ދައްކުވައިދޭ ކަހަލަ ހެދުމެއްގައެވެ. އަދި ކައިވެނިކުރި ފިރިހެނުން ތިބީ ކޯޓް ފަޓްލޫނުގައެވެ. މި ޖޯޑުތަކުގެ މޫނުތަކުން ފެނިގެން ދިޔައީ ހަނގުރާމައިގެ ހާލަތާ އެކު ވެސް ދިރިއުޅުން ކުރިއަށް ގެންދިއުމުގެ ހިތްވަރާއި އުއްމީދެވެ.

އެ އުފާވެރި ހަފުލާގައި ކައިވެނިކުރި ޖޯޑުތަކުން ވަނީ ފަލަސްތީނުގެ ދިދައާ އެކު ގަތަރުގެ ދިދަ ވެސް ވިހުރުވާފަ އެވެ. ގަތަރަކީ މެދުއިރުމަތިން ފަލަސްތީނަށް އެންމެ ބޮޑަށް އެހީވަމުން އަންނަ އަދި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެވޭތޯ މެދުވެރިއެެއްގެ ރޯލު އެންމެ ބޮޑަށް އަދާކުރާ ގައުމެވެ.
އެހެންކަމުން، މި ބޮޑު ކައިވެނި ހަފުލާގައި ގަތަރުގެ ދިދަ ވިހުރުވަމުން ދިޔައީ އެ ގައުމަަށް ފަލަސްތީނުގެ ރައްޔިތުންގެ ފަރާތުން ޝުކުރު އަދާކުރުމުގެ ގޮތުންނެވެ.
އޮކްޓޯބަރު 7، 2023 ގައި ފަލަސްތީނުގެ ނަސްލު ނައްތައިލަން ޔަހޫދީން ފެށި ހަނގުރާމައިގައި ޝަހީދުވި މީހުންގެ އަދަދު 70،000 އިން މައްޗަށް އަރާފައިވާ އިރު، ގާޒާ އޮތީ ސުންނާފަތިވެ، އިންސާނީ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.




