ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނުކުޅެދުންތެރިކަން ހުންނަ 30 ފަރާތަކަށް ވަޒީފާދީފިއެވެ.
އެކަމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މިނިސްޓަރު ޑރ. ޢާއިޝަތު ޝިހާމް، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިޔާރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރެވެ.
އެޗްޑީސީން ބުނީ މިއީ އެކުންފުނީގެ އިޖުތިމާއީ ޒިއްމާގެ ދަށުން ސަރުކާރުގެ ސިޔާސަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިގެންދިޔަ ކަމެއް ކަމަށެވެ.
އަދި އެ 30 ފަރާތްތަކަށް ވަޒީފާ ދިނުމަކީ އެޗްޑީސީގެ މަސައްކަތްތަކުގައި ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތުގެ ބައެއް ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

އިއްޔެ ބޭއްވި މި ރަސްމިއްޔާތުގައި، އެޗްޑީސީގެ ވެބްސައިޓަށް އާންމުންނަށް ޚިދުމަތް ދިނުމަށް ތަޢާރަފުކުރެވުނު އޭއައި ބޮޓް ”މިތުރު“ ވެސް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ އިތުރުން، ވެބްސައިޓަށް އިތުރު އެކްސެސިބަލް ފީޗާސްތަކެއް ވެސް ވަނީ އިތުރުކުރެވިފައެވެ.

އެޗްޑީސީން ބުނީ މިކަމުގެ ސަބަބުން ނުކުޅެދޭ ފަރާތްތަކަށް އެޗްޑީސީގެ ހިދުމަތްތައް ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށެވެ.
އެޗްޑީސީން ބުނެފައިވަނީ، ހަމަހަމަ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް އެ ކުންފުނިން ކުރަމުން ގެންދާނެ ކަމަށެވެ.



