ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ބާއްވާ ތާރީހެއްގެ ގޮތުގައި އަންނަ އަހަރުގެ އެޕްރީލް ހަތަރު ވަނަ ދުވަސް ހަމަޖައްސައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) ން މިހާރު ވަނީ މި އިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވުމަށް ބޭނުންވާ 7,000 އަށްވުރެ ގިނަ އޮފިޝަލުން ހޯދުމަށް އިއުލާނުކޮށްފައެވެ.
އަދި އޮފިޝަލުންގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ޑިސެންބަރު 21 ވަނަ 15:00 ގެ ކުރިން އީ-ފާސް މެދުވެރިކޮށް ޕޯޓަލްއިން އެޕްލިކޭޝަން ހުށަހެޅޭނެއެވެ.
މީގެ އިތުރުން ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ މަސައްކަތްތަކަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް ވެސް އެ ކޮމިޝަނުން ވަނީ އިއުލާން ކޮށްފައެވެ. މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރުމަށް ފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ކޮމިޝަނުގެ އީމެއިލް jobs@elections.gov.mv މެދުވެރިކޮށް ހުށަހެޅޭނެއެވެ.
އިސީއިން ބުނިގޮތުގައި، އިންތިހާބުގެ މަސައްކަތްތަކަށް ނަގާ މުވައްޒަފުން ބޭނުންވާ ދާއިރާތަކުގެ ތެރޭގައި ހިއުމަން ރިސޯސް، އެޑްމިނިސްޓްރޭޝަން، މީޑިއާ، ޕަބްލިކް ރިލޭޝަންސް، އިންފޮމޭޝަން ޓެކްނޮލޮޖީ، ފައިނޭންސް އަދި ލީގަލް ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 226 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާނެއެވެ.



