އިސްލާމިކް މިނިސްޓްރީން މީޑިއާތަކާއި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ މީޑިއާ މަޢުރަޒް މި މަހުގެ 5 އަދި 6 ގައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ނިންމައިފިއެވެ.
މި މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00އިން 18:00 އަށް އަދި ހޮނިހިރު ދުވަހު ހެނދުނު 10:00އިން އިރުއޮށްސި 18:00 އަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީގެ އިސްލާމިކް ސްޓޫޑިއޯއިން މިނިސްޓްރީގެ ހުރިހާ ސެކްޝަންތަކަކާއި ގުޅިގެން ބާއްވާ މީޑިއާ މައުރަޒަކީ މިނިސްޓްރީން ޚާސިލްކުރެވުނު ކާމިޔާބީތަކާއި، ކުރެވުނު މުހިއްމު މަސައްކަތްތަކާއި، މިނިސްޓްރީގެ ވަކި ވަކި ސެކްޝަންތަކުން ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު މީޑިއާތަކާއި އާއްމުންނަށް ފޯރުކޮށްދިނުމަށް ބާއްވާ މައުރަޒެކެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، މި މައުރަޒުގައި ވަކި ވަކި ސެކްޝަންތަކުގެ ވެރިންނާއި ބައްދަލުކޮށް ސެކްޝަންތަކާއި ގުޅޭ މަސައްކަތްތަކާއި ބެހޭ ސުވާލުތައްކުރުމާއި މަޢުލޫމާތު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
2024 ވަނަ އަހަރު ބޭއްވި މީޑިއާ މައުރަޒަށްވެސް ގިނަ އަދަދެއްގެ ނޫސްވެރިންނާއި އާއްމުން ވަނީ ޒިޔާރަތްކޮށްފައެވެ.



