ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ލިބިފައި އޮތް ނަމަވެސް އޭގެ މަންފާ އެ ޕާޓީން ނުނަންގަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ މަޖިލީހުގެ މި އަހަރުގެ ޖަލްސާތައް ނިންމާލުމަށްފަހު ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދިން އިންޓަވިއުއެއްގައެވެ.
އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް އޮންނާނީ އަބަދުވެސް ރައްޔިތުންނާއެކު ކަމަށާއި ސުޕަމެޖޯރިޓީގެ މަންފާ މަޖިލީހުގެ މެންބަރުން ނުނަންގަވާނެ ކަމަށެވެ.
މަޖިލީހުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ހުރިހާ މެންބަރުންނަށްވެސް ހަމަހަމަ ފުރުސަތު ދީގެން، ރައްޔިތުންގެ ފައިދާއަށް ކަމަށާއި މިހާތަނަށް މަސައްކަތް ކުރަމުން އައީ އަދި ކުރަމުންގެންދާނީވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި މަޖިލީހުގެ ގަވާއިދުތަކާ އެއްގޮތަށް ކަމަށް އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ސަރުކާރު ޖަވާބުދާރީ ކުރުމުގައިވެސް މި ފާއިތުވެދިޔަ ދުވަސްތަކުގައި ނަމޫނާ ދައްކާފައިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
”ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ފަރާތުން އުއްމީދުކުރާ ނުވަތަ މަޖިލީހާ ދޭތެރޭގައި ރައްޔިތުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމުގައި 20ވަނަ މަޖިލިސް ވަރަށް ސާބިތުކަމާއެކު އޮންނާނެ.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
20ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރާނީ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަދި ރައްޔިތުން ބޭނުންވާ އުއްމީދުތައް ހާސިލްކުރުމަށް ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މަޖިލީހުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.



