އިންޑިއާގެ މުނިފޫހިފިލުވުމުގެ ޚަބަރުތަކަށް ބަލާލާއިރު، މިވަގުތު އެންމެ އަޑުގަދަކޮށް ދެކެވެމުންދާ އެއް ވާހަކައަކީ، ފާއިތުވީ 15 ހަފްތާވަންދެން ކުރިއަށްދިޔަ ބިގްބޮސް 19، މަޝްހޫރު އެކްޓަރ ގޯރަވް ކަންނާ ކާމިޔާބު ކުރި ވާހަކައެވެ.
މަޝްހޫރު ސީރީޒް ”އަނޫޕަމާ“ އިން ބެލުންތެރިންގެ ހޫނު ތަރުހީބެއް ލިބުނު އަދި ޓެލެވިޝަންގެ ”ސުޕަރ ސްޓާ“ ކަމުގެ ލަގަބު ބިގްބޮސް ތެރެއިން ހާސިލު ކޮށްފައިވާ ގޯރަވް މި އެވޯޑު އުފުލާލިއިރު ރަނަރަޕެއްގެ ގޮތުގައި ހޮވިފައިވަނީ، މަދުން ނަމަވެސް ބައެއް ޕްރޮޖެކްޓުތަކުގައި އެކްޓު ކޮށްފައިވާ އަދި ޕީސް އެކްޓިވިސްޓުކަންވެސް ކޮށްފައިވާ ފަރްހާނާ ބަޓް އެވެ.
ފާއިތުވީ ތިން މަސް ދުވަހު ބިގްބޮސް ކުރިއަށް ގެންގޮަސްފައިވާއިރު، މިއަހަރު އެ އެވޯޑު ހާސިލުކުރި ގޯރަވް ކަންނާ ވަނީ އޭނާގެ އެ ދަތުރުގައި ގިނަ ފާޑުކިޔުންތަކާއި މަލާމާތާ ވެސް ކުރިމަތިލާފައެވެ.
އެގޮތުން އޭނާއަށް އެންމެ ގިނައިން ފާޑުކިޔައި، މަލާމާތްކުރި އެކަކު ކަމުގައި ފަރްހާނާ ވާއިރު، ޝޯ ތެރެއިންދިޔަ އެ ދެމީހުންގެ ކުރިމަތިލުމެއްގައި ގޯރަވްއަށް ވަރަށް ބޮޑަށް މަލާމާތް ކުރި ދުވަހެއްގައި އޭނާވަނީ، ފައިނަލްގައި ތަށި އުފުލާނީ އޭނާ ކަމަށާއި ފަރްހާނާ އެވަގުތު އޭނާއަށް ތަރުހީބުގެ އަތްތިލަބަޑިވެސް ޖަހާނެ ކަމަށް ބުނެފައެވެ.
ރޭގެ ފިނާލޭގައި ކަން ވީވެސް ހަމަ އެފަދައިންނެވެ. ޝޯ ކާމިޔާބު ކުރުމާ ނުހަނު ގާތްވުމަށްފަހު ފަރްހާނާ ބަލިކޮށް، މިއަހަރުގެ ބިގްބޮސް ކާމިޔާބު ކޮށްފައިވަނީ ގޯރަވް އެވެ. އަދި ގޯރަވް ބުނި ފަދައިން ފަރްހާނާ އާއި އޭނާއަށް ދެންވެސް ހަޖޫޖެހި އެންމެންވެސް ވަނީ އޭނާއަށް މަރުހަބާ ކިޔައި، ތަރުހީބުގެ އަތްތިލަބަޑި ވެސް ޖަހާފައެވެ.


