ރަސްމާލެ ޓްރާންސްޕޯޓް މާސްޓާ ޕްލޭން ޕްރޮޖެކްޓުގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ މީހަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ކޮންސަލްޓެންސީގެ މައިގަނޑު މަގްސަދަކީ ރަސްމާލެއަށް ފުރިހަމަ ދަތުރުފަތުރުގެ މާސްޓާ ޕްލޭނެއް އެކުލަވައިލުމެވެ.
އަދި މި މަސައްކަތުގެ މައިގަނޑު އެއް އަމާޒަކީ ވެރިކަންކުރާ ރަށާއި ރަސްމާލެއާ ދެމެދު، އަދި ރަށުގެ އެތެރޭގައިވެސް ރައްކާތެރި، އިތުބާރު ހިފޭ އަދި ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ގާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މައުލޫމާތު ހިމެނޭހެން) ހުށަހަޅަން ވާނެ ކަމަށެވެ.
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، މިމަހުގެ 24 ވާ ބުދަ ދުވަހު 14:00ގެ ކުރިން، ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ (EOI) މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް ފިނޭންސް މިނިސްޓްރީން އެދިފައިވެއެވެ.
ރާއްޖޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ތާރީހުގައި ވެސް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ދަނީ ބާރު ސްޕީޑުގައި ކުރިއަށެވެ.
އެ މަސައްކަތް އަންނަ އޭޕްރީލް މަސް ނިމުމުގެ ކުރިން ނިންމޭތޯ ބަލަމުންދާ ކަަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މާލެ ސިޓީއާއި ރަސްމާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލް އަކުން ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.



