ޤައުމީ އެއަރލައިން، މޯލްޑިވިއަނުން ޅ. މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ.
ދަތުރުތައް އިތުރު ކުރުމަށް ނިންމާފައިވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
މޯލްޑިވިއަނުން މިހާރު މަޑިވަރަށް ހަފްތާއަކު ދެ ދަތުރު ކުރަމުން އަންނައިރު، މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން އެއަރލައިނުން ވަނީ ހަފްތާއަކު ތިން ދަތުރުކުރުމަށް ނިންމާފައެވެ. އެއީ ކޮންމެ ހަފްތާއެއްގެވެސް ހޯމަ، ބުދަ އަދި ހޮނިހިރު ދުވަހުއެވެ.
މަޑިވަރަށް މޯލްޑިވިއަނުން ކުރާ ދަތުރެއްގެ އެއްކޮޅު ޓިކެޓުގެ އަގަކީ 799 ރުފިޔާއެވެ.
މޯލްޑިވިއަނުން އަބަދުވެސް ޑިމާންޑަށް ބެލުމަށްފަހު އެކި މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވައެވެ. ޚާއްސަކޮށް ޢީދާއި އަދި ޗުއްޓީ ބަންދާއި ދިމާކޮށްވެސް ޑޮމެސްޓިކް އަދި އިންޓަރނޭޝަނަލް މަންޒިލްތަކަށް އިތުރު ފްލައިޓްތައް ބާއްވާއެވެ.
މަޑިވަރު އެއަރޕޯޓަކީ 2022 ވަނަ އަހަރު ހުޅުވާފައިވާ އެއަރޕޯޓެކެވެ. މި އެއަރޕޯޓުގައި 1200 މީޓަރުގެ ރަންވޭއަކާއި، އެއަރ ކްރާފްޓްތައް ޕާކު ކުރާނެ ސަރަޙައްދަކާއި، ފަޔަރ ބިލްޑިންގއެއްގެ އިތުރުން ޒަމާނީ ފެންވަރުގެ ޓަރމިނަލެއް ވަނީ ތަރައްޤީކޮށްފައެވެ.




