ރަސްމާލޭގެ 215 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ޑްރެޖަރު ބޭނުންކޮށްގެން ރަސްމާލެ ހިއްކުމުގެ ސްޕީޑް ތިން ގުނަ ހަލުވި ކުރީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ދަނީ ބާރު ދުވެލީގައި ކުރިއަށް ކަމަށް އެޗްޑީސީން ބުނެއެވެ.
ރަސްމާލެ މަޝްރޫޢަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަހަރު ބޭއްވި ރަސްމީ ޖަލްސާގައި، ޤައުމާ މުޚާޠަބުކުރައްވައި، ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ 5 މަހެއްހާ ދުވަހުގެ ތެރޭގައި ރަސްމާލޭގައި ހިއްކޭ ބިމުން 15000 ގޯތި ދޫކުރުމަށް އިޢުލާންކުރެވޭނެ ކަމަށެވެ. މާލޭ ސަރަޙައްދުގައި ބިންހިއްކުމުގެ މަޝްރޫޢުތައް މިހާރުވެސް ބާރު ދުވެލީގައި ކުރިއަށްދާއިރު، މި މަހަކީ މި ދުވެލި އިތުރަށް ބާރުވެގެންދާނެ މަހެއްކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.
ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ ޢުމުރުން 18 އަހަރުން މަތީގެ ރައްޔިތުންގެ ތެރެއިން އެއްވެސް ވަރަކަށް އަމިއްލަ ބޯހިޔާވަހިކަން ލިބިފައި ނެތް ފަރާތްތައް ހިމެނޭހެން އާއިލީ ބޯހިޔާވަހިކަމެއް ފޯރުކޮށްދެއްވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ކ. ފުށިދިއްގަރުފަޅުގައި ރަސްމާލެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ތިމާވެއްޓާ ރައްޓެހި ”އިކޯ ސިޓީ“ އެއްގެގޮތުގައި ތަރައްޤީކުރާ ރަސްމާލެ ތަރައްޤީކުރުމަށް ޖުމްލަ 1،100 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ.



