ވިލިމާލެ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓަން ސިނގިރޭޓް ގެއްލުނު މައްސަލައިގައި ފުލުހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ، އެ ސްޓޭޝަންގައި ހުރި ސިނގިރޭޓް ކާޓަންތަކެއް މަދުވެފައިވާ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި މީހާއަކީ ފުލުހުންގެ ސީނިއާ ސާޖަންޓް ރޭންކުގައި ހުރި މުވައްޒަފެއް ކަމަށެވެ.
އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އދ. ދިގުރަށް/ ޝަބުނަމީގެ، މުނައްވަރު އާދަަމް (39އ) ކަމަށް ފުލުހުން ވިދާޅުވެފައި ވެއެވެ.
މި މައްސަލައާ ގުޅިގެން އޭނާ ސަސްޕެންޑް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން މީގެކުރިން ބުނެފައިވަނީ، ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި 32 ކާޓަން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގައި ބަހައްޓާފައި ހުއްޓާ، އޭގެތެރެއިން 6 ކާޓަށް ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 2025 މޭ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތި ކަމަށާއި، މި 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ހަވާލުކުރުމަށް ނޮވެމްބަރު 12 ވަނަ ދުވަހު ބެލިއިރު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މީގެއިތުރުން މި މައްސަލައިގައި ކަން ހިންގާފައިވާގޮތް ބަލަމުންދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައިހުރި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.
މި ތަކެއްޗަކީ 2024 ޑިސެމްބަރު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަަށް ގެނައި ތަކެއްޗެވެ.
މިމައްސަލައިގެ ތަހުގީގު މިހާރު ކުރިއަށް ދަނީ ފުލުހުންނާއި ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން ގުޅިގެން ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ގޮތުގައި ކަމަށްވެސް ފުލުހުން ބުންޏެވެ.



