ހުޅުމާލޭ ފޭސް 1 ގެ 4 ތަނެއް ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ، ގަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓްއާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ ހުޅުމާލޭ ފޭސް 1ގެ 4 ތަނެއް ބަަލައި ފާސްކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަނުގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސް، އިތުރު 3 ބިދޭސީއަކަށް ނޯޓިސް ދީފައިވާކަމަށް އިމިގްރޭޝަނުން ބުންޏެވެ.

ހޯމް މިނިސްޓްރީ އާއި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ޚިލާފަށް އުޅެމުންދާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ.
އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ.
އަދި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަގުސަދެއްކަމަށް އިމިގްރޭޝަނުން ބުންޏެވެ.




