ރާއްޖޭގެ ލެޖެންޑަރީ މިޔުޒިކް ބޭންޑެއް ކަމަށްވާ ”ޓްރެފިކް ޖޭމް“ އަށް 20 އަހަރު ފުރުން ފާހަގަކުރަނީ ބޮޑު ލައިނަޕަކާއި ވައިރަލް ކަމްބެކަކާއެކުކަން ހާމަކޮށްފިއެވެ.
ޓްރެފިކް ޖޭމުން ވަނީ އެ ބޭންޑުގެ ލައިނަޕަށް އިތުރު ދެ މެންބަރުން ކަމަށްވާ އައްޑޯ އާއި އިއްބެ އިތުރުކޮށް، އައު ބާބެއް ރަސްމީކޮށް އިއުލާނު ކޮށްފައެވެ.
ޓްރެފިކް ޖޭމްއަށް އެ ދެ މެންބަރުން އިތުރުކޮށްފައިވާކަން އިއުލާނު ކޮށްފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ”ޓްރެފިކް ޖޭމް – ރިކްރޫޓްމަންޓް ޓްރިލޮޖީ“ ގެ ނަމުގައި ތިން ބައިގެ ވީޑިއޯ ސީރީޒެއްގެ ޒަރީއާއިންނެވެ.
އެ ބޭންޑުގެ މި އިއުލާނާއެކު އޮންލައިންކޮށް ވަނީ ބޮޑު ހަލަބޮލިކަމެއް އުފެދި، އެ ބޭންޑަށް އިތުރު ތަރުހީބެއް ވެސް އާންމުންގެ ތެރޭގައި އުފެދިފައެވެ.
އެގޮތުން އެ ބޭންޑުގެ އިންސްޓަގްރާމް، ޓިކްޓޮކް އަދި ފޭސްބުކް އެކައުންޓުތަކުން މި ވީޑިއޯތަކަށް އެންމެ 5 ދުވަސް ތެރޭގައި 130،000 އަށްވުރެ ގިނަ ވިއުސްވަނީ ލިބިފައެވެ.
ބޭސް ގިޓަރިސްޓް އައްޑޯ ވަނީ އައިކޮނިކް އެކްޓުތަކެއް ކަމަށްވާ އިލްސައިޓް، ސެރެނިޓީ ޑައިސް، އަފާން، ޝިއުޒް، ހައިޝަމް، ހައްފާފް އަދި ޒީރޯ ޑިގްރީ އެޓޯލްގެ ނާޝިދާއެކު ޕަރފޯމްކޮށް މަސައްކަތް ކޮށްފައެވެ. މީގެއިތުރުން އޭނާވަނީ ފަސީލައިވް، ވަލު އިލްމު، އީމަންސް ކޮންސްޕިރެސީ އަދި ނާޝިދުގެ ފައުންޑޭޝަން މެންބަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
އިއްބެއަކީ މިޔުޒިކް ދާއިރާގައި 30 އަހަރުގެ ތަޖުރިބާއާއެކު ވަރުގަދަކަމެއް ރިދަމް ސެކްޝަނަށް ގެނެސްދިން ފަންނާނެކެވެ. އެގޮތުން އޭނާވަނީ ޑައިނަމިކްސް، 2 ޒީ، މެޒޯ ސަލްޓަންސް، ޓިއުމަރ، ލެވިއަތަން، އަފާން، ޒީރޯ ޑިގްރީ އެޓޯލްސްގެ ނާޝިދު އަދި އަހްމަދު ޖޯންސް އާއެކު މަސައްކަތް ކޮށްފައެވެ. އިއްބެވަނީ ފަސަލައިވް އަދި ޓިއުމަރ ފަދަ ބޭންޑުތަކުގެ ފައުންޑިންގް މެންބަރެއްގެ ގޮތުގައި މުހިންމު ދައުރެއް އަދާ ކޮށްފައެވެ.



