ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 2ގެ ރައްޔިތުންނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކުރެއްވުމަަށް ނިންމަވައިފިއެވެ.
މިކަން އިއުލާނު ކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ހީނާ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ޙިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް މުޢިއްޒު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފޭސް 2ގެ ރައްޔިތުންނާ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބައްދަލު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެގޮތުން މި ބައްދަލުވުން އޮންނާނީ 18 ވާ ބުރާސްފަތި ދުވަަހުގެރޭ 20:30ގައި ޞަލާޙުއްދީން ސްކޫލްގައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތް ކުރައްވައި، ރައްޔިތުންގެ ހާލު ބެއްލެވުމަަށް ރައީސް މުޢިއްޒު ފައްޓަވާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާވެސް ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ.
ދާދިފަހުން ރައީސް ވަނީ ވިލިމާލެ، މާފަންނު، މައްޗަންގޯޅީގައި އަދި ހެންވޭރުގައި ދިރިއުޅޭ ރައްޔިތުންނާ ވެސް ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވާފައެވެ.


