މި މަހުގެ މިހާތަނަށް ސްކޭމްގެ ގޮތުގައި އެއްމިލިއަން އަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 1 އިން 14 ވަނަ ދުވަހާ ދެމެދު ސްކޭމްގެ 98 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި މައްސަލަތަކުގެ ސަބަބުން ޖުމްލަ 1،429،651.5 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން 281،461.80 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ރިޕޯޓް ކުރި ސްކޭމްގެ ބާވަތްތައް:
-އީ-ކޮމާސް: 32 މައްސަލަ
-ފިޝިންގ ލިންކް ބޭނުން ކޮށްގެން: 11 މައްސަލަ
-ކަރަންސީ އެކްސްޗޭންޖު: 10 މައްސަލަ
-އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދި: 28 މައްސަލަ
-އެހެނިހެން: 28 މައްސަލަ
ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މައިގަނޑު ވަސީލަތްތައް:
-ފޯނު ކޯލް
-އައިބޭ
-އޮންލައިން މެސެޖިން މަންސަތައް
-ފިޝިން ލިންކް
-ފޭސްބުކް މާކެޓްޕްލޭސް
ސްކޭމްގެ މައްސަލަތައް އިތުރުވަމުންދާތީ، ކަމާބެހޭ ފަރާތްތަކުން އަބަދުވެސް އަންނަނީ ރައްކާތެރިކަމުގެ އިރުޝާދުތައް ދެމުންނެވެ. އެގޮތުން އެއްވެސް ލިންކަކަށް ނުފިއްތުމަށާއި، ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް، އޭގެ ސައްހަކަން ކަށަވަރުކުރުމަށްފަހު މެނުވީ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް އިރުޝާދު ދެއެވެ.
މީގެ އިތުރުން، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ ވަގުތުން ފުލުހުންނަށް ރިޕޯޓުކޮށް، ގެއްލުނު ފައިސާ އަނބުރާ ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



