އިނގިރޭސިވިލާތުގެ ރަސްގެފާނަކީ، ޤައުމުތަކުގެ އެއްބައިވަންތަކަމަށް ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ލީޑަރެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައިގެ، 77ވަނަ އުފަންދުވަހާ ގުޅިގެން ރާއްޖޭގައި، ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ނިކޮލަސް ޑޭވިޑް ލޯއާ އާއި ވަޒީރު އަދި ބައެއް ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.
ނައިބު ރައީސް ވިދާޅުވީ ޤައުމުތަކުގެ ގުޅުންބަދަހިކުރުމާއި ދެމެހެއްޓެނިވި ތަރައްޤީއަށް އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކުރުމުގައި އިނގިރޭސިވިލާތަކީ ފާހަގަކޮށްލެވޭ ޤައުމެއް ކަމަށެވެ.
ރާއްޖެއަށް ބަލާއިރުވެސް ތިމާވެށީގެ ދާއިރާއާއި، ސަޤާފަތާއި ތަރިކަ ޙިމާޔަތްކުރުމުގެ މަސައްކަތްތަކާއި ދެމެހެއްޓެނިވި ތަރައްޤީގެ މަސައްކަތްތައްފަދަ، ރާއްޖެއަށް ވަރަށް މުހިންމު ދާއިރާތަކަކުން އިނގިރޭސިވިލާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖެއާއި އިނގިރޭސިވިލާތުގެ ޚާރިޖީ ގުޅުމަށް 60 އަހަރުފުރުން މިއަހަރު ފާހަގަކުރަމުންދާއިރު، މި ވޭތުވެދިޔަ ދުވަސްތަކުގައި މި ގުޅުން އިތުރަށް ވަރުގަދަވެގެންދިޔަކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުތަކާއި، ދެޤައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ގިނަ އެއްބެސްވުންތަކަކަށް އާދެވުނުކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.
އަދި 27ވަނަ ކޮމަންވެލްތް ހެޑްސް އޮފް ގަވަމަންޓްސްގެ ބައްދަލުވުމުގައި ރާއްޖޭގެ ނައިބު ރައީސްގެ ޙައިސިއްޔަތުން، އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް 3އާއި ބައްދަލުކޮށްލުމުގެ ފުރުޞަތު ލިބުމަކީވެސް އުފާކުރެއްވިކަމެއްކަމަށް ވިދާޅުވިއެވެ.
”މީހުން ބިނާކުރުމުގެ ދާއިރާ، ތިމާވެށި، ތަޢުލީމީ ދާއިރާ، އިޤްތިޞާދީ ދާއިރާ އަދި ޑިފެންސް ކޯޕަރޭޝަންގެ ދާއިރާއިން ރާއްޖެއަށް ގިނަ އެހީތަކެއް އިނގިރޭސިވިލާތުން ދަނީ ފޯރުކޮށްދެމުން. ރައީސްގެ ދަތުރުފުޅުގައި ވިޔަފާރީގެ ދާއިރާއިން ކުރިއަށްގެންދިޔަ ބައްދަލުވުމަކީވެސް ކުރެވުނު ވަރަށް މުހިންމު މަސައްކަތެއް.“ ނައިބު ރައީސް ވިދާޅުވީ،
ނާއިބު ރައީސް އިތުރަށް ވިދާޅުވީ، ކުރިމަގުގައިވެސް ފައިދާހުރި ގިނަ ދާއިރާތަކަކުން، ދެ ޤައުމު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވޭނެކަމަށް އުއްމީދުކުރައްވާ ކަމަށެވެ.


