ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ސިނގިރޭޓު ކޮންޓެއިނަރު ވަގަށް ނެގި މައްސަލައިގައި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އާއި ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) ހިމެނޭހެން 10 މީހަކަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
ޕީޖީ އޮފީހުން ބުނި ގޮތުގައި، ދިގަލި ވަހީދު އާއި އާއްޓޭގެ އިތުރުން މިފްކޯގެ އިންޖިނިއަރިން އެންޑް ޕްރޮޖެކްޓްސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖާ މުޢާޒު ޢަލީގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
މީގެ އިތުރުން، ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންގެ މައްޗަށް އުފުލާފައިވަނީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާ އާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމަށް ރޭވުން / ވައްކަންކުރުމަށް ރޭވުމުގެ ކުށުގެ ދަޢުވާ އެވެ.
އަދި ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދުގެ މައްޗަށް އުފުލާފާއިވަނީ ހަމައެކަނި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުން / ވައްކަންކުރުމުގެ ކުށުގެ ދަޢުވާއެވެ.
މައްސަލައިގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ތެރޭގައި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން އާއި ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ ހިމެނެއެވެ. އެ ދެމީހުންގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުން / ވައްކަންކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނީ، މި މައްސަލާގައި ތުހުމަތުކުރެވުނު ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފުގެ މައްޗަށް ޖިނާއީ ކުށެއްގެ ދަޢުވާއެއްކޮށް ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ޤަރީނާ ލިބިފައިވާކަމަށް ނުފެންނާތީ އޭނާގެ ބައި ފުލުހުންގެ ޚިދުމަތަށް އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.
ޕީޖީ އޮފީހުން ހާމަކުރި ގޮތުގައި، މި މައްސަލާގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ ކޮށްފައިވާ މީހުން، މި ކުށުގެ ޢަމަލު އިންތިޒާމުކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާތީ، އެ މީހުންގެ މައްޗަށް ކަނޑައަޅައިދިނުމަށް އެދިފައިވާނީ އަސްލު ކުށްކުރި މީހުންނާ އެއް ދަރަޖައެއްގެ އަދަބެއް ކަމަށެވެ.
އަދި މި ދަޢުވާތަށް ސާބިތުވާ ޙާލަތުގައި، ކުށުގެ ޢަމަލުގެ ޒާތާއި ބާވަތާއި، ޙައްސާސްކަމަށް ރިޢާޔަތްކޮށް ކަނޑައެޅެން އޮތް އެންމެ މަތީ އަދަބެއް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދޭނެ ކަމަށްވެސް ޕީޖީ އޮފީހުން މައުލޫމާތުދެއެވެ.



